އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ދުވުން ވެސް ދިރާގުން ހާއްސަކޮށްފައި ވަނީ އެކުންފުނީގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށެވެ.
މި އަހަރުގެ ދުވުމުގައި ރާއްޖެ އާއި ބޭރުގެ 4،500 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވި އެވެ. ދިރާގު ރޯޑް ރޭހުގެ ދުވުންތައް މި އަހަރު އޮތީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހާފްމެރަތަން ދަންވަރު 2:30ގައި އޮތް އިރު، 10 ކިލޯމީޓަރުގެ ދުވުން އޮތީ ފަތިހު 5:30ގަ އެވެ. އަދި 5 ކިލޯމީޓަރުގެ ދުވުން އޮތީ ހަވީރު 4:30 ގަ އެވެ.
ދިރާގު ރޯޑް ރޭސް: މި އަހަރުގެ ދުމުގައި 4،500 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވި.
މިދިޔަ ހުކުރު ދުވަހު ހަވީރު އޮތް 5 ކިލޯމީޓަރު ދުވުމުގައި، ދުވާ މަގުތަކުގައި ދުވުންތެރިންނަށް ހިތްވަރުދިނުމުގެ ގޮތުން ހާއްސަ ހަރަކާތްތަކާއި ކާބޯތަކެތި ވިއްކާ ސްޓޯލްތަކުގެ އިތުރުން އެކި ހަރަކާތްތައް ސެންޓްރަލް ޕާކުގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ދިޔަ އެވެ.
ދިރާގުން މިއަހަރުގެ ރޯޑް ރޭހުގައި އެންޑޯޒްކޮށްފައިވާ ޖަމިއްޔާގެ ތެރެއިން ދުވުމުގައި ބައިވެރިވި އެންމެ ގިނަ މީހުން އެންޑޯޒްކުރި ފަސް ޖަމިއްޔާއަށް އެކި ޕްރޮގްރާމްތައް ހިންގުމަށް އެހީއެއްގެ ގޮތުގައި 200،000ރ. ދިރާގުން ދިނެވެ.
އަދި ދިރާގު ރޯޑް ރޭހުގެ ބިބް ނަންބަރު ވިއްކައިގެންނާއި ކޮންމެ ބައިވެރިއެއްގެ އަތުން ރެޖިސްޓްރޭޝަންގެ ގޮތުގައި ނެގި 100ރ. އެ ޖަމިއްޔާތަކުގެ މެދުގައި ހަމަހަމައަށް ދިރާގުން ބެއްސެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް)ގެ ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.
މިއީ މި ދުވުން ދިރާގުން ބޭއްވި 16 ވަނަ އަހަރެވެ.