ސައިބާ ކްރައިމް ހުއްޓުވުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރާ އދ.ގެ މުއާހަދާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބާކްރައިމް"ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މި މަހުގެ 15 ވަނަ ދުވަހު ރުހުން ދީފައެވެ.
އެ މުއާހަދާގައި ގަައުމުތަކުން ސޮއިކުރަން ފަށައިފައިވަނީ، ސައިބާ ކްރައިމްއާ ދެކޮޅަށް، ވިއެޓްނާމްގެ ހަނޯއީގައި ކުރިއަށްދާ މަތީ ފަންތީގެ ކޮންފަރެންސްގައެވެ.
އެ މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.
އެ މުއާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ތަގުރީރުކުރައްވަމުން ހަލީލް ވިދާޅުވީ އެ މުއާހަދާއަކީ ރާއްޖޭގެ ގައުމީ ޑިޖިޓަލް ސްޓްރެޓެޖީގެ މުހިންމު އެއް ތަނބު ކަމަށެވެ.
އޭނާ ވިދާޅުވީ 2030 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ އިގްތިސާދުގެ 15 ޕަސެންޓަކީ ޑިޖިޓަލް ދާއިރާ ކަމަށް ހެދުން ސަރކާރުގެ ލަނޑުދަނޑިއެއްގެ ގޮތުގައި އެބަ އޮތް ކަމަށެވެ. އަދި ސަރުކާރުގެ "މޯލްޑިވްސް 2.0" އަކީ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ޑިޖިޓަލް އިކޯސިސްޓަމެއް ގާއިމްކުރަން އެކުލަވާލާފައިވާ ތަަސައްވުރެއް ކަަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ޓެކްނިކަލް ގާބިލުކަން ކުޑަވުމުގެ ސަބަބުން ސައިބަކްރައިމްގެ ނުރައްކާތައް ބޮޑު ނަމަވެސް، މި ގޮންޖެހުންތަކަކީ ދިވެހިރާއްޖޭން ކުރާ މަސައްކަތް ހީނަރުވާނެ ކަމެއް ނޫން ކަމަށް ހަލީލު ވިދާޅުވި އެވެ.
ސައިބަކްރައިމްއާ ދެކޮޅު މުއާހަދާގައި ސޮއިކުރުމަކީ ސައިބަކްރައިމް ހުއްޓުވަން ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކުށްތައް ކަނޑައަޅަައި، ތަހުގީގުކުރުމާއި ދައުވާކުރުމުގައި ބައިނަލްއަގުވާމީ ބައިވެރިންނާ އެކު އެއްބާރުލުން އިތުރުކުރަން ލިބޭ ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ފުރުސަތުތަކާއި ފަންނީ އެހީ ލިބުމުގެ ފުރުސަތު ވެސް އެ މުއާހަދާގައި ބައިވެރިވުމުން ރާއްޖެއަށް ފަހިވާނެ ކަން ވެސް ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ސައިބާ ކުށްތައް އިތުރުވެ، އެފަދަ ކުށްތައް މަދުކުރުމަށް ފުލުހުން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ޑިޖިޓަލް ނުރައްކާތައް ދެނެގަނެ، ކުށް މަދުކުރަން ސައިބާ ސެކިއުރިޓީ ސެންޓަރެއް މިދިޔަ އޮގަސްޓު މަހު ހުޅުވައިފައިވެ އެވެ.