ads
ހުޅުމާލޭގެ ދުވާރުމަތީ ބަހައްޓާފައި ހުންނަ ގޮނޑި، މޭޒު ނަގަނީ - ފޮޓޯ: އެޗްޑީސީ
އާއްމުންނަށް ދަތިވާގޮތަށް ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިވާ ތަކެތި ނަގަން ފަށައިފި
މި ޕްރޮގްރާމުގައި އެޗްޑީސީގެ 50އެއްހާ މުވައްޒަފުން ހަރަކާތްތެރިވާނެ
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި ބަހައްޓާފައި ހުންނަ ގޮނޑިއާއި މޭޒު، އަދި ބިޔަކޮށް ހެދޭ ޒާތުގެ ގަސްތައް ނެގުމުގެ މަސައްކަތް ހުޅުމާލޭގެ މުނިސިޕަލް ކަންކަން ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ފަށައިފި އެވެ.
Advertisement

12 ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ، އެޗްޑީސީގެ އިތުރުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ހުޅުމާލެ ޕޮލިސް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެޗްޑީސީން ބުނީ، މި ޕްރޮގްރާމްގައި އެކުންފުނީގެ 50 އެއްހާ މުވައްޒަފުން ބައިވެރިވާނެކަމަށެވެ. އަދި އަމާޒަކީ އަންނަ ޖެނުއަރީމަހުގެ ނިޔަލަށް ހުޅުމާލެ ފޭސް 1 ގައި މި ޕްރޮގްރާމް ކުރިއަށްގެންގޮސް ނިންމާލުންކަަމަށެވެ.

މި ޕްރޮގްރާމް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޭޝަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ، ހުޅުމާލެއަކީ ސާފު ރީތި، ދިރިއުޅެން ފަސޭހަތަނަކަށް ހެދުމަށް އެންމެންގެ އެއްބާރުލުން މުހިންމުކަމަށެވެ. އަދި މިއީ އެޗްޑީސީން އެކަނި ކުރެވޭނެ މަސައްކަތެއް ނޫންކަމަށާއި، މި މަސައްކަތުގައި ހުޅުމާލޭ ދިރިއުޅޭ ރައްޔިތުންގެ އެއްބާރުލުން މުހިންމުކަމަށް ޒުހައިރު ވިދާޅުވި އެވެ.

"މިކަން އެޗްޑީސީން އެކަންޏެއް ނޫން ކުރެވޭނީ. މިއީ ހުޅުމާލޭގަ ދިރިއުޅޭ ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއެކު މުޅި މުޖްތަމަޢު އެކައްޗެއް ކިޔައިގެން މިކަން ކުރިއަށްގެންދިޔައިމަ ކަންތައްތައ ފަސޭހަވާނެ. ވިޔަފާރިކުރާ ފަރާތްތަކާއި އަދި އޭގެއިތުރަށް މިތާ ދިރިއުޅޭ ފަރާތްތަކުންވެސް މިކަމަށް މަސައްކަތްކުރަންޖެހޭ" އަލީ ޒުހައިރު ވިދާޅުވި އެވެ.

އެޗްޑީސީން ކުރިއަށްގެންދާ "ހިތްފަސޭހަ ހުޅުމާލެ" ކެމްޕެއިންގެ ދަށުން މި މަސައްކަތުގެ އިތުރަށް ވެސް އެހެން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެކަމަށް އެ ކުންފުނިން އަންނަނީ ބުންނަމުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް