މިހާތަނަށް މިނިސްޓަރު އަމީން ވިދާޅުވަމުން ގެންދެވީ މިއަހަރުގެ މާޗު މަހު ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށާނެ ކަމަށެވެ. އެހެންނަމަވެސް އަހަރު ނިމިގެންދާއިރުވެސް މި ހިދުމަތް ފެށިފައެއް ނުވެއެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުން ލަސްވާ މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ޝައުގުވެރިވާ ކުންފުނިތަކަށް ފުރުސަތު ހުޅުވާލިއިރު އިއުލާނުކުރީ ދައުލަތަށް އެންމެ ފައިދާވާނެ ގޮތަށް ސާޗް އެންޑް ރެސްކިއުއާއި މެޑިކަލް އިވެކުއޭޝަންގެ ވަކި ހިދުމަތްތަކެއް ހިލޭ ދޭ ގޮތަށްކަމަށެވެ.
އެ ފުރުސަތުގައި ގާތްގަނޑަކަށް 36 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ދައުލަތަށް އެންމެ ބޮޑު ފައިދާއެއް ލިބޭ ގޮތަށް ޕްރޮޕޯސަލް ހުޅުވާލުމުން ދައުލަތަށް ނަގާ ބައި ބޮޑުކަމަށް ކުންފުނިތަކުން ފާހަގަކުރި ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
އެހެންކަމުން ބަދަލުތަކާއެކީ ހެލިކޮޕްޓަރުގެ ހިދުމަތްދޭން ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ފަތުރުވެރިން އުފުލުން ހިމެނޭ ގޮތަށް، ހެލިކަޕްޓަރު ހިދުމަތް ދޭން ފަށަން ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހެވެ.
އެއާއި އެކު މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 21ގައި ރީޖަނަލް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އާރްސީއެލް) އިން ވަނީ، ރާއްޖޭގައި 20 އަހަރަށް ހެލިކޮޕްޓަރުގެ ހިދުމަތް ދޭ ގޮތަށް ދުބާއީގެ ހެލިކޮޕްޓަރު އޮޕަރޭޓަރެއް ކަމަށްވާ އެއާ ޝާޓޯ ޑީޑަބްލިއުސީއާއި ވިންގް ކެޕިޓަލް މެނޭޖްމަންޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެހެންނަމަވެސް އެ މަޝްރޫއުވެސް މިހާތަނަށް ކުރިޔަށް ގޮސްފައެއް ނުވެއެވެ.