މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނަށް އެ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ރައީސަކު އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. މިގޮތުން މީޑިއާ ކޮމިޝަނުގެ ހުރިހާ މެންބަރުންނާ އިންޓަވިއުކުރުމަށްފަހު އެ ކޮމިޝަނުގެ ރައީސްކަމަށް އެންމެ ގާބިލު ފަރާތަކީ މުހައްމަދު ފަރުސަތުކަމަށް ފެންނަކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
ކޮމިޓީ ނިންމުމާ އެއްގޮތަށް މަޖިލީހުގައި ނެގި ވޯޓުގައި މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ފަރުސަތު އައްޔަންކުރަން ފާސްވީ 49 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
މުޙައްމަދު ފަރުސަތަކީ ޓޫރިޒަމް މެނޭޖްމަންޓްގެ ދާއިރާއިން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވެސްޓް މިންސްޓާ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އިނގިރޭސިވިލާތުގެ ނޮދަމްބްރިޔާ ޔުނިވަރސިޓީން ބެޗެލަރ އޮފް އާޓްސް (އޮނާސް) ހާސިލް ކުރައްވާފަ އެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުގެ 5 އަހަރުގެ މުއްދަތުގެ އިތުރަށް އޭނާވަނީ ހިންގުމުގެ ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގައި ޖުމްލަ ހަތް މެމްބަރުން ތިއްބަވަ އެވެ. ކޮމިޝަނަށް ނައިބު ރައީސަކު ހޮވާނީ، މެމްބަރުންގެ ތެރޭގައި ނަގާ ވޯޓަކުންނެވެ.