ޔާމީން މި ވަގުތު ހުންނެވީ ހއ. ދިއްދޫގަ އެވެ. އެމަނިކުފާނު ދިއްދޫއަށް ވަޑައިގެންނެވީ ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން މިއަދަށް ތާވަލުކޮށްފައި ވަނިކޮށެވެ.
ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. އެ ދެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮތީ މިއަދު މެންދުރުފަހު 2:30 އަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދިއްދޫއަށް ފުރާވަޑައިގަންނަވާތީ ޔާމީން ވަނީ އަޑުއެހުން އޮންލައިންކޮށް ކުރިއަށް ގެންގޮސްދިނުމަށް އެދި އެ ކޯޓަށް ސިޓީއަކުން ދަންނަވައިފަ އެވެ. ނަމަވެސް އެ އަޑުއެހުން މިއަދު ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަލައިގެ އަޑުއެހުމެއް ޔާމީންގެ ފަރާތްޕުޅުން ހާޒިރުވެވަޑައިގެންފައިނުވާ ކަމަށެވެ. އަދި، މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމާއި މައްސަލަ ތާވަލުކޮށްފައި އޮއްވާ ކޯޓުގެ ހުއްދަ ނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލެއް ކަމަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ޔާމީން ދިއްދުއަށް ވަޑައިގަންނަވަނީ ހއ. އަތޮޅު ކައުންސިލް އެވޯޑު "ތިލައުތުރު އެވޯޑް 2025" ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށެވެ. ތިލައުތުރު އެވޯޑަކީ ހއ. އަތޮޅަށް އެކި ދާއިރާތަކުން ހިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ބާއްވާ އެވޯޑެކެވެ. އެގޮތުން ޖުމްލަ ހަ ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.