ads
އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ބޭއްވި ބައްދަލުވުން: ރެފަރެންޑަމް ވޯޓަށް ނޫނެކޭ ބުނަން ފާސްކުރީ ގައުމީ މަޖިލީހުގެ އިއްތިފާގުން - ފޮޓޯ: އެމްޑީޕީ
ދެ އިންތިހާބު އެއްކޮށްލުމަށް އެމްޑީޕީން ދެކޮޅު ކަމަށް އެ ޕާޓީން ފާސްކޮށްފި
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ދެކޮޅު ހެދުމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފަ އެވެ.
Advertisement

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލިހުން ވަނީ މި މަހުގެ 10 ވަނަ ދުވަހު ފާސްކޮށްފަ އެވެ. 

ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަން ގައުމީ މަޖިލީހުން ފާސްކުރުމުގެ ކުރިން ވެސް އެމްޑީޕީން ހިފަހައްޓަމުން އައީ ދެކޮޅު ސްޓޭންޑެކެވެ. މަޖިލީހުގައި ތިއްބަވާ އެ ޕާޓީގެ މެންބަރުން ވަނީ މި ބިލު ފާސްކުރި ދުވަހު އިހުތިޖާޖު ވެސް ކުރި އެވެ.

އިދިކޮޅު ޕާޓީން ބޭއްވި ގައުމީ މަޖިލީހުގައި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ގަރާރެއް ހުށަހަޅުއްވައިފަ އެވެ.  

މީކައިލްގެ ގަރާރުގައި އޮތީ ގާނޫނު އަސާސީ ބަދަލު ކުރުމުގެ ކުރިން މަޝްވަރާ ނުކުރުމާއި، އަވަސް އަރުވާލައިގެން ފާސްކުރުމާއި ވޯޓު ނަގަން އެކަށީގެންވާ މުއްދަތެއް ނެތް މައްސަލަ އެވެ. މި ގަރާރު ފާސްކުރީ ގައުމީ މަޖިލީހުގައި ބައިވެރިވި 48 މެންބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ދެ އިންތިހާބު އެއްކޮށްލަން ދެކޮޅު ހަދާ ސަބަބެއް ކަމަށް ބުނީ ސަރުކާރުގެ ފޮރުވިފައިވާ އެޖެންޑާއެއްގެ ދަށުން މި މަސައްކަތް ކުރަން އުޅުމެވެ.

މި ބައްދަލުވުމުގައި މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ގަރާރެއް ވެސް ވަނީ ފާސްކޮށްފަ އެވެ. އެ ގަރާރަކީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅު ހެދުމުގެ ގޮތުން މަގުމަތީގެ ހަރަކާތްތައް ފެށުމާ މެދު ޕާޓީން ގޮތެއް ނިންމުމަށް ހުށަހެޅި ގަރާރެކެވެ. 

އެ ގަރާރު ވެސް ފާސްވީ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. 

ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވަނީ ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި އޭރުން ރައްޔިތުންގެ ފައިސާއިން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް