ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން ވިދާޅުވީ, މި ސަރުކާރުން ގާނޫނީ ޒިންމާ އަދާކުރަމުން އަންނަ ކަމަށާއި ގާނޫނާ އެއްގޮތަށް ނޫނީ މިހާރު އުޅަނދުފަހަރު ރަޖިސްޓްރީނުކުރެވޭނެ ކަމަށެވެ.
ޝަމްހީދު ސުވާލު ކުރެއްވީ ވެހިކަލް ރަޖިސްޓްރޭޝަން އިތުރުވާއިރު ވެސް ގާނޫނީ ޒިންމާ ނުއުފުލަނީ ކީއްވެގެންތޯ އާއި ޕާކިން ބިލްޑިންގް އަދި ޕާކު ކުރާނެ ތަނެއް ނުދައްކައި ސްޓިކާ ޖެހުމާ ގުޅޭގޮތުންނެވެ.
އަމީން ވިދާޅުވި ގޮތުގައި، ގަރާޖު އޮވެގެން ނޫނީ ވެހިކަލް އެތެރެ ނުކުރެވޭނެ ގަވައިދެއް ވެސް ވަނީ ހަދައިފަ އެވެ. އަދި، އުޅަނދުފަހަރު އެތެރެކޮށް ރެޖިސްޓްރީ ކުރުމާ ގުޅޭ ގޮތުން ގާނޫނަށް ގެންނަ ބަދަލުތައް މި ދައުރު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގެ އިޝާރާތެއް އަމީން ދެއްވި އެވެ.