ނައިފަރު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ، ރައީސް މުއިއްޒު ޅ.އަތޮޅު މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ރަށަށް ކުރެއްވި ޒިޔާރަތުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިންފްރާސްޓްރަކްޗާ ޑރ.އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުއެވެ.
ނައިފަރު ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ތެރެއިން
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 679 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ހަވާލުކޮށްފަވަނީ 1 އަހަރާ 9 މަސް ދުވަހުން ނިންމާގޮތަށެވެ.
މި މަޝްރޫއުގެ ދަށުން ނައިފަރުން 44.8 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހިއްކި ބިން ހިމާޔަތްކުރުމަށް 1813 މީޓަރުގެ ބޮޑު ހިލައިގެން ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެން ބޭރު ތޮށި އަދި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖެހުމަށް ވަނީ ނިންމާފައެވެ.