މި ދައުވާ އެ ކުންފުންޏާއި ދެ ކޮޅަށް އުފުލީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިންނެވެ.
އެ ދައުވާގައި ބުނެފައިވަނީ ވައިގެ މަގުން ގެނައި 180 ކޭސް ކެމަލް ޔެލޯ، 300 ކޭސް މެންޗެސްޓާ ޔުނައިޓެޑް ރޯޔަލް ރެޑް ފިލްޓާ އަދި 110 ކޭސް އެމެރިކަން ލެޖެންޑް އެގްޒޮޓިކްގެ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓި ކަމަށެވެ. މިތަނުން ނެރުނު ކަމަށް ރެކޯޑްތަކުން ދައްކަނީ 15 ކޭސް ކެމަލް ޔެލޯ އެކަނި ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
އެހެންނަމަވެދް އެ ވެއާހައުސްގައި ދެން ހުރި ހުރިހާ ސިނގިރެޓެއް ގެއްލިފައިވާކަމަށް ކަސްޓަމުން ބުނެއެވެ. އެހެންކަމުން ވެއާހައުސް އިން ގެއްލިފައިވާ ސިނގިރޭޓަށް އެގްޒޮޓިކް ކުންފުނިން ޑިއުޓީގެ ގޮތުގައި 47،182،011.86 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅައި، އެ ކުންފުނީގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްދިނުމަށް ކަސްޓަމުން ވަނީ އެދިފައެވެ.
ކަސްޓަމްސް އިން ދައުވާގައި ބުނެފައިވާ ގޮތުގައި ޑިިއުޓީގެ ގޮތުގައި ދައްކަންޖެހޭ 47 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް އެގްޒޮޓިކް ކުންފުންޏަށް އެންގުމުން ވެސް އެ ފައިސާ ދައްކާފައެއް ނުވެ އެވެ. އެހެންކަމުން އެ ފައިސާ 14 ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމް ކޮށްދިނުމަށް ކަސްޓަމުން ވަނީ އެފިފައެވެ.
ސިވިލްކޯޓުން އެގްޒޯޓިކް އެންޓަޕްރައިސަސް ގައިރު ހާޒިރުގައި ކުރި ހުކުމުގައި ވަނީ އެ ކުންފުނީގެ ބޮންޑެޑް ވެއާހައުސްއެއްގައި ހުއްޓާ ގެއްލުނު މައްސަލައިގައި އެ ކުންފުނިން 47 މިލިއަން ރުފިޔާ ދައްކަން ޖެހޭކަން ލިޔެ ކިޔުންތަކުން އެނގޭކމަށެވެ. އަދި އެ ފައިސާ 14 ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް ވަނީ ކޯޓު އަމުރުކޮށްފައެވެ.