މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަމާހް ރަޝީދު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ އަކީ މުޖުތަމައުގައި އިންޖިނިއަރިންގގެ ދާއިރާއަށް ޝައުގުވެރިކަން އިތުރުކޮށް، މި ދާއިރާއިން މީހުން ބިނާކުރުމުގެ ތެރެއިން، ރާއްޖޭގައި ދެވޭ އިންޖިނިއަރިންގާއި ގުޅޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ގާއިމްކޮށްފައިވާ މަރުކަޒެކެވެ.
މި މަރުކަޒުގައި ސްޓޭލްކޯގެ ތަޖުރިބާކާރުންގެ އިތުރުން ބައެއް އިލްމީ މުއައްސަސާތަކުން ވެސް ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މި މަރުކަޒުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި ގުޅޭގޮތުން ސްޓެލްކޯ އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ދެމެދު 26 އޮކްޓޫބަރު 2025 ވީ އާދީއްތަ ދުވަހު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
މި މަރުކަޒު ގާއިމްކުރެވިފައި ވަނީ ކ. ތުލުސްދޫގައި މަރުކަޒުގައި ކްލާސްރޫމްތަކާއި، ވަރކްޝޮޕަކާއި، ލެބޯޓްރީއެއްގެ އިތުރުން އެކޮމޮޑޭޝަންވެސް ހިމެނޭ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
މަރުކަޒު ގާއިމްކުރުމަށް ޖުމްލަ ހޭދަވެފައިވަނީ 5 މިލިއަން ދިވެހި ރުފިޔާކަމަށާއި މަރުކަޒު އިމާރާތްކުރުމުގެ %100 މަސައްކަތް ކޮށްފައިވަނީ ސްޓެލްކޯގެ މުވައްޒަފުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެއްފަހަރާ 50 ކުދިންނަށް ތަމްރީނު ދެވޭނެ ވަސީލަތްތައް މި މަރުކަޒުގައި ވަނީ ގާއިމްކުރެވިފައިވާ ކަމަށާއި ޗައިނާގެ ޔަންޓާއި ޑޮންގފަންގ ވިޒްޑަމް އިލެކްޓްރިކް އިން ހަދިޔާކުރި 200،000 އެމެރިކާ ޑޮލަރުގެ އަގުހުރި ވަސީލަތްތަކާއި އާލާތްތަކާއެކު އިއާދަކުރަނިވި ހަކަތައިގެ ލެބޯޓްރީއެއް މި މަރުކަޒުގައި ވަނީ ގާއިމްކުރެވިފައިވާ ކަމަށް އެެ ކުންފުނިން ވަނީ ފާހަގަ ކޮށްފައި އެވެ.
ފުރަތަމަ ފިޔަވަހީގައި މި މަރުކަޒުގައި މައިގަނޑު 6 ދާއިރާއަކުން ތަމްރީނުދިނުމަށް ވަނީ ހަމަޖެހިފައެވެ. ޔޫޓިލިޓީ ސިނާއަތަށް އަންނަމުންދާ ޒަމާނީ ބަދަލުތަކާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމަށް، ސްޓެލްކޯއިން ގެންގުޅޭ އަމާޒަށް ވާސިލްވުމަށްޓަކައި، މަރުކަޒުގެ މަސައްކަތް ފުޅާވެ، ކުރިއަރަމުންދާ މިންވަރަކުން، މަރުކަޒުގައި ކިޔަވައިދީ، ތަމްރީނުދޭ ދާއިރާތަށް އިތުރުކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
ފުރަތަމަ ފިޔަވަހީގައި މި މަރުކަޒުން ތަމްރީނު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ: