މި އިސްލާހު މަޖިލީހަށް ހުށައެޅުއްވީ ބިލެތްދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަހްމަދު އަސްލަމް އެވެ. މި ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
ސަރުކާރުގެ ފަރާތުން ހުށައެޅި އިސްލާހުގައި ވަނީ މަސްދަރު ހާމަ ކުރުމުގެ އަމުރަކަށް އެދެން ޖެހޭނީ ހައި ކޯޓުގައިކަމަށެވެ. މައްސަލަ ރައްދުވާ ނޫސްވެރިޔާ ނުވަތަ އޭނާ ވަޒީފާ އަދާ ކުރާ ތަނަށް އެ 24 ގަޑިއިރު ތެރޭ ޝަރީއަތުގައި ޖަވާބުދާރީވުމުގެ ފުރުސަތު ހައި ކޯޓުން ދޭން ޖެހޭނެކަމަށެވެ. އަދި އެ އަމުރަށް އެދޭތާ 24 ގަޑިއިރު ތެރޭ އެ ކޯޓުން އެކަމާއި މެދު ގޮތެއް ނިންމަންޖެހޭނެކަމަށް މި އިސްލާހުގައިވެއެވެ.
މީގެއިތުރުން ހައި ކޯޓުގެ ނިންމާ ނިންމުމާއި މެދު ހިތްހަމަނުޖެހޭނަމަ 10 ދުވަސް ތެރޭ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވިދާނެކަމަށްވެސް ސަރުކާރުން ހުށައެޅި އިސްލާހުގައިވެއެވެ.
މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލީހުގެ އިދާރާ ކައިރީ އިހްތިޖާޖުކުރި އިރު އޭރުގެ އިދިކޮޅު މެމްބަރު މުހައްމަދު ސައީދު އެތަނުގައި މަޑުކުރައްވައިގެން. ފޮޓޯ: ދައުރު
ސަރުކާރުން ހުށައެޅި ބިލުގައި ވަނީ މަސްދަރު ހާމަކުރަންޖެހޭ އިތުރު ހާލަތްތަކެއް ކަނޑައަޅާފައެވެ.
އިތުރުކުރި ކަންކަން
ގާނޫނުލްއުގޫބާތުގެ ދަށުން ކުށް ކަމުގައި ކަނޑައަޅާފައިވާ ހުއްދަ ނޫން ގޮތުގައި ސިއްރު މައުލޫމާތު ހާމަ ކުރުން
ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުން
ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތައް
ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ގެއްލުން ލިބޭނެ ފަދަ އަމަލުތައް
ހެއްކާއި ބެހޭ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފެށީ މިދިޔަ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައެވެ. އޭރު މި ބިލް ފާސްކުރިއިރު ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުއްޓެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ މަސްދަރު ހާމަ ކުރަން އަމުރުކުރެވޭނެ ކުށްތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ގައުމީ ސަލަމާތާ ގުޅުން ހުރި ކުށްތަކާ ގުޅޭ ހާލަތްތަކެވެ. ނޫސްވެރިންގެ ކަންބޮޑުވުމަކަށްވީ ގައުމީ ސަލާމަތް މާނަކޮށްފައި ނުވުމެވެ.
ނޫސްވެރިންގެ މި ކަންބޮޑުވުންތަކަށް އިސްލާހެއް ގެނެސްދެއްވާނެކަމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވިއެވެ. އެހެންނަމަވެސް މަޖިލީހުގެ މިދިޔަ ދައުރު ނިމިގެން ދިޔައީ އެ ބިލަށް ފަހުން ހުށަހެޅި އިސްލާހު މަޖިލީހުގައި ގޮތެއް ނުނިމި އޮވެއެވެ.