ޒަމީރު މިހެން ވިދާޅުވެފައިވާއިރު އިއްޔެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް ވަނީ ކުރީ ސަރުކާރުން މާލެ ސަރަހައްދުން ހިލޭ ދިން ގޯތިތައް ދައުލަތަށް ނަގާ ޖެހޭ ކަމަށް ވިދާޅުވެފައި އެވެ.
ފަލާހް ފާހަގަ ކުރެއްވި ގޮތުގައި ފްލެޓް ލިބުން މީހުން ފައިސާ ދައްކަން ޖެހޭ އިރު ބޮޑެތި ގޯތިތައް ހިލޭ ދިނުމަކީ އެއްގޮތަކަށްވެސް އިންސާފެއް ނޫން ކަމުގަ އެވެ.
ޒަމީރު މިހެން ވިދާޅުވީ މިއަދު ރައްޔިތުން މަޖިލީހުގައި ކުރިޔަށް ދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަލާހް އިއްޔެ ދެއްކެވި ވާހަކަތައް ކުށްވެރި ކުރައްވަމުން ޒަމީރު ވިދާޅުވީ މާލެ އަށް އުފަން މާލޭ ގިނަ މީހުން އުޅެން ޖެހިފައި މިވަނީ އެމީހުންގެ މައިބަފައިންގެ ފަރާތުން އެ މީހުންނައް ލިބޭ ކުޑަކުޑަ ތަންކޮޅުގައި ކަމަށެވެ.
މާލޭ ކޮންމެ ރައްޔިތަކަށްވެސް މާލެއިން ބިން ހައްގުކަން ފާހަކަ ކުރައްވާ އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ރަށްރަށުގައިވެސް ބިން ހިއްކަނީ ސަރުކާރުން ލޯނު ނަގައިގެން ކަމަށާއި އެ ގޯތިތައްވެސް އެ ރައްޔިތުންނައް ދޫކުރަނީ ހިލޭ ކަމަށްވުމުން މާލޭ ރައްޔިތުންނައްވެސް ހަމަ އެގޮތަށް މާލެއިން ބިން ހިލޭ ލިބުން ހައްގު ކަމުގަ އެވެ.
މިފަހަރު ދޫކުރި 4000 ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރޭގައި މާލޭ މީހަކު ވަރަށް މަދު ކަމަށާއި ގިނައީ ހަމަ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ އެހެން ރަށްތަކުގެ ރައްޔިތުންކަމަށް ޒަމީރު ވިދާޅުވި އެވެ.
ޒަމީރު އިތުރަށް ފާހަގަ ކުރެއްވިގޮތުގައި މި ބޭފުޅުންނައް ފްލެޓް ދިނުމާއި މާލޭގެ ރައްޔިތުންވެސް ދެކޮޅުނޫން ކަމަށާއި މާލޭ ރައްޔިތުން އަބަދުވެސް އެދެމުންދަނީ އެ ރައްޔިތުންނައް އަދި ދަފްތަރުގެ ރައްޔިތުންނައްވެސް ހަމަ ފްލެޓް ލިބުން ކަމުގަ އެވެ.
މާލޭ ރައްޔިތުން ގޮވާލަމުން ދަނީ އެ ބޭފުޅުންނައް ގޯތި ނުދިނުމަށް ނޫން ކަމަށާއި މާލެ ރައްޔިތުން ގޮވާލަމުން ދަނީ މާލޭގެ ރައްޔިތުންނައް ހައްގު ގޯތި ދިނުމަށް ކަމަށް ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ފާހަގަ ކުރެއްވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގޯތިތައް ރައްޔިތުންނައް ދެއްވާނެ ކަމަށް ވިދާޅުވެފައިވުމަކީ ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްް ކަމަށެވެ.
މި ސަރުކާރުން މިހާރުވެސް މަސައްކަތް ކުރަމުންދަނީ އެ ގޯތިތައް ދޫކޮށްފައި ހުރި ތަންތަނުން އެ ގޯތިތައް ދޫކުރުމަށް ފްލޭން ކުރަން ޖެހޭ ކަންކަން ޕްލޭން ކޮށް ހިއްކަން ޖެހޭ ތަންތަން ހިއްކުމުގެ މަސައްކަތް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.