ހުސްނީ މުބާރިކު ޖޭއެސްސީއަށް އައްޔަންކުރަން މަޖިލީހުން އިއްޔެ ރުހުން ދިނީ، ޖޭއެސްސީގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މުބާރިކް ޖޭއެސްސީއާށް އައްޔަންކުރަން ނިންމުމުން، އޭނާ ކޮމިޓީން އިސްތިއުފާ ދެއްވައިފައިވާ ކަމަށް ޖުޑީޝަރީ ކޮމިޓީގައި މިއަދު ވަނީ އިއުލާންކޮށްފައެވެ. އެއަށްފަހު ކޮމިޓީގެ މުގައްރިރަކަށް ދެން އައްޔަންކުރަންވީ މެންބަރެއްގެ ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލި އެވެ.
އެ ފުރުސަތުގައި، މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން މުފީދު އަބްދުލްގާދިރު، ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަދި ކޮމިޓީގެ ނައިބު މުގައްރިރު އަބްދުއްސައްތާރު މުހައްމަދުގެ ނަން ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ތާއިދު ކުރެއްވި އެވެ.
އެ ހުށަހެޅުމަށް ވޯޓަށް އެހުމުން، ހާޒިރުވެވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުން ވަނީ ސައްތާރަށް ރުހުން ދީފައެވެ.
ހުސްނީ އަދި ސައްތާރަކީ ވެސް ގާނޫނީ ވަކީލުންނެވެ.