ads
މީޑިއާ ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައި މެމްބަރުން ވާހަކަ ދައްކަވަނީ - ފޮޓޯ: މީޑިއާ ކޮމިޝަން
މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 55،000ރ!
ރައްޔިތުންގެ މަޖިލިހުން ދާދި ފަހުން ފާސްކުރި މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ރައީސަށް މުސާރަ އާއި އިނާޔަތްތަކާ އެކު 59،000ރ. ގެ މުސާރައެއް ލިބިވަޑައިގަންނަވާނެ އެވެ.
Advertisement

ޖުމުލަ ހަތް މެމްބަރުން ތިއްބަވާ އާ މީޑިއާ ކޮމިޝަންގައި ތިއްބަވަނީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރި ތިން މެމްބަރަކާއި މީޑިއާތަކުން ހޮވި ހަތަރު މެންބަރެކެވެ.

އެ ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކަމަށް މަޖިލީހުން ފާސްކުރީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ މެމްބަރު މުހައްމަދު ފަރުޝަތެވެ. އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ސަރުކާރުގެ އެކި ވަޒީފާތައް އަދާކުރައްވައިފަ އެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސް ހޮވާފައި ވަނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ވޯޓަށް އަހައިގެންނެވެ. އިސްލާމިކް މިނިސްޓްރީގެ މީޑިއާގައި އެންމެ ފަހުން މަސައްކަތް ކުރެއްވި ޒަމްއަތު އަހުމަދު ވަހީދު އެ މަގާމަށް އައްޔަންކުރެއްވީ ހަތް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ވޯޓާ އެކު އެވެ.

މަޖިލީހުން މިނިވަން މުއައްސަސާތަކުގެ ރައީސުންގެ އަސާސީ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 40،000ރ. އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 18،000ރ. ލިބޭއިރު ފޯނު އެލަވަންސަށް ލިބޭ 1،000ރ. އާ އެކު މީޑިއާ ކޮމިޝަންގެ ރައީސަށް 59،000ރ. ލިބިވަޑައިގަންނަވާނެ އެވެ.

ކޮމިޝަނުގެ ނައިބު ރައީސަށް އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ 39،000ރ. އެެވެ. އަދި ލިވިން އެލަވަންސަށް 15،000ރ. ލިބޭއިރު ފޯނު އެލަވަންސާ އެކު ނައިބު ރައީސަށް 55،000ރ. ލިބިވަޑައިގަންނަވަ އެވެ.

މީޑިއާ ކޮމިޝަނުގެ މެމްބަރުންގެ އަސާސީ މުސާރައަކީ 33،000ރ. އެވެ. މެމްބަރުންގެ ލިވިން އެލަވަންސަކީ 14،000ރ. އެވެ. އަދި ފޯނު އެލަވަންސާ އެކު ކޮމިޝަނުގެ މެމްބަރުންގެ މުސާރައަކީ 48،000ރ. އެވެ.

މީޑިއާ ކޮމިޝަން އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މެމްބަރު ކަމަށް ކުރިމަތިލިއިރު މީޑިއާތަކުން ހޮވާ މެންބަރުކަމަށް ކުރިމަތިލެއްވީ އެންމެ ހަތަރު ބޭފުޅުން ކަމަށް ވުމުން އެ ބޭފުޅުން ކޮމިޝަނަށް ވަޑައިގަތީ އިންތިހާބަކާ ނުލަ އެވެ. އެއީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމާއި ހުސައިން ސަގީފެވެ.

އެ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރި ތިން ބޭފުޅުންނަކީ ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް