ބީއެމްއެލްގެ އާ ހިދުމަތްތަކެއް ތައާރަފް ކުރުމަށް މިއަދު ބާސެލޯ ނަސަންދުރަގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޑޮލަރުގެ ދަތިކަން ކަމަށާއި ރާއްޖޭގައި ކްރޮސްބޯޑާ ޕޭމަންޓްގެ ހިދުމަތް އެންމެ ފުޅާކޮށް ހުރިހާ ދިވެހިންނަށް ފޯރުކޮށްދޭ ބޭންކްގެ ހައިސިއްޔަތުން ބީއެމްއެލްއަށް މިކަމާ ކުރިމަތިލާން ޖެހޭއިރު، އުފުލަން ޖެހޭ ިންމާ ވެސް ބޮޑު ކަމަށެވެ.
ބޭންކުގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ހަވާލާދެއްވާ ޝަރީފް ވިދާޅުވީ 2019 އާއި 2023 އާ ދެމެދު ބީއެމްއެލް އަށް ގަންނަން ލިބުނު އަދަދަށް ވުރެ އިތުރަށް 333 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ އެ ބޭންކަކީ ސަރުކާރާއި އެތައް ހާސް ދިވެހި ރައްޔިތުން ހިއްސާވާ ބޭންކަކަށް ވުމުގެ އިތުރުން ރާއްޖޭގެ ހުރިހާ ސިނާއަތްތަކާއި ވިޔަފާރިތަކާއި ކޮންމެ ފަރުދަކާ ވެސް ގުޅިފައިވާ ތަނެއް ކަމަށެވެ. އަދި، އެ ބޭންކަށް އަމާޒުވާ އެކިއެކި ފާޑުކިޔުންތަކަށް ޖަވާބު ދޭންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ މިހާރަކަށް އައިސް އެންމެ ބޮޑަށް ދެއްކެވޭ އެއް ވާހަކައަކީ ބީއެމްއެލް އިން ސަރުކާރުން އެދޭ ކޮންމެ ކަމެއް ކުރާ ކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތައް ކަމަށެވެ.
ރާއްޖޭގެ ހުރިހާ އިގްތިސާދީ ހަރަކާތްތަކުގެ ދެބައިކުޅަ އެއްބަޔާ ގާތަށް ހިންގަނީ ސަރުކާރުގެ އިސްނެގުންތަކުގެ ތެރެއިން އޭގެ މައްޗަށް ބިނާވެގެން ކަމަށާއި ގައުމީ ބޭންކުގެ ހައިސިއްޔަތުން ސަރުކާރާ އެކު ގާތުން މަސައްކަތްކުރުމަކީ ބޭންކަށް ސްޓްރެޓީޖިކަލީ ވަރަށް ވެސް މުހިންމު އަދި ބޭނުންތެރިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި މި އަހަރު ބޭންކުން ނިންމާލާނީ ހުރިހާ ގޮތަކުން ބޭންކަށް އެންމެ ރަނގަޅު އަހަރުގެ ގޮތުގަ އެވެ. މިކަން ބޭންކްގެ މި އަހަރުގެ ތިން ވަނަ ކުއާޓާގެ ރިޕޯޓުން ވެސް ހިއްސާދާރުންނަށް ޔަގީންވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.