ލާމަރުކަޒީ ޤާނޫނަށް ގެންނެވި އިސްލާހުތަކުގެ ސަބަބުން ބައެއް ކަހަލަ އިޚްތިޔާރުތައް ކައުންސިލްތަކަށް ލިބިގެންދިޔުމުން ބައެއް މައްސަލަތައް ކައުންސިލްތަކަށް އަމިއްލަޔަށް ހައްލުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

Advertisement
ލާމަރުކަޒީ ޤާނޫނަށް ގެންނެވި އިސްލާހުތަކުގެ ސަބަބުން ބައެއް ކަހަލަ އިޚްތިޔާރުތައް ކައުންސިލްތަކަށް ލިބިގެންދިޔުމުން ބައެއް މައްސަލަތައް ކައުންސިލްތަކަށް އަމިއްލަޔަށް ހައްލުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ހިތަދޫ ކައުންސިލްގެ މެންބަރުންނާއި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު މެންދުރު ފަހު ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ލާމަރުކަޒީ ޤާނޫނަށް ގެންނެވި އިސްލާހުތަކުގެ ސަބަބުން ބައެއް ކަހަލަ އިޚްތިޔާރުތައް ކައުންސިލްތަކަށް ލިބިގެންދިޔުމުން ބައެއް މައްސަލަތައް ކައުންސިލްތަކަށް އަމިއްލަޔަށް ހައްލުކުރެވޭނެކަން ފާހަގަ ކުރައްވާފަ އެވެ.
އަދި ބައެއް މައްސަލަތައް ހައްލުކުރުމުގައި ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެދެވޭ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި ފެނާއި ނަރުދަމާގެ މައްސަލަތަކާއި ރަށުގެ މަގުތައް ނުހަދާތީ ދިމާވާ ދަތިތަކާއި، ފުލުހުންގެ ޚިދުމަތުގެ ބޭނުންތެރިކަމާއި މަސްވެރިންނަށް އައިސް ހޯދުމާއި ތެޔޮ ހޯދުމުގައި ދިމާވާ ދަތިތައް ވަނީ ފާހަގަކުރައްވާފަ އެވެ.
އަދި ސްކޫލް އިމާރާތުގެ ޖާގައިގެ އަދި ވަސީލަތްތަކުގެ ދަތިކަން ޙައްލުކުރުމާއި ސިއްހީ ޚިދުމަތްތައް ތަރައްގީކުރުމާއި ކުޅިވަރު ތަރައްގީކުރުމާ ބެހޭގޮތުން ރަށުގެ މުއައްސަސާ ތަކުގެ އިސްވެރިން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެ އެވެ.