ފުލުހުން މިއަދު ބުނީ މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ ބޭންކް އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑް އިން ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، އެކަމުގައި ބައިވެރިވާ ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރަން ލަފާ ދިނުމަށް އެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
އެހެންވެ، އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންތަކެއްގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ނިންމާފައިވާކަން ފުލުހުން ހާމަ މިކުރީ، ސޯޝަލްމީޑިއާގައި އެފަދަ މައުލޫމާތުތަކެއް ފެތުރެން ފެށުމުންނެވެ. ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ޕޯސްޓުގައި ބުނެފައި ވަނީ އެ ފުލުހުންގެ އެކައުންޓަށް ވަތް ފައިސާއަކީ ކޭޓަރިން ހިދުމަތުގެ ތެރެއިން ނާޖާއިޒު ގޮތުގައި ހޯދާފައިވާ ފައިސާ ކަމަށެވެ.
އެ މައްސަލައިގައި 20 ފުލުހަކު ހިމެނޭ ކަމަށް ވެސް ސޯޝަލްމީޑިއާގައި ދައުރުވާ ޕޯސްޓުގައި ބުނެފައިވެ އެވެ. ނަމަވެސް މި މައްސަލާގައި ހިމެނެނީ ސީދާ ކިތައް މީހުން ކަމެއް އަދި ކިހާ އަދަދެއްގެ ފައިސާ ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.