ޒަކާތް ހައުސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް، ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ދޭ ފްލެޓަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭކަން ފާހަގަވެފައިވާކަމަށެވެ.
އެގޮތުން، 14 ފަރާތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 340،000 ރުފިޔާ ޒަކާތު ފަންޑުން ދައްކައިދޭނެކަމަށް ޒަކާތު ހައުސްއިން ބުންޏެވެ. އަދި މިގޮތަށް ނިންމާފައިވަނީ ޒަކާތު ކައުންސިލަށް ހުށަހަޅައި މަޝްވަރާކުރުމަށް ފަހުކަމަށްވެސް ޒަކާތު ހައުސްއިން ބުންޏެވެ.
މި ފައިސާ ޒަކާތު ހައުސް އިން ސީދާ އެ ފަރާތްތަކުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށްދިނުމުގެ ބަދަލުގައި، ދައްކާނީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާއަށެވެ. އަދި އެއަށް ފަހު، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަގީރުކަމުގެ ޙާލަތު އަލުން ރިވިއުކޮށް ބެލުމަށް ހަމަޖެހިފައިވާކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
މުދަލު ޒަކާތާއި ފިތުރު ޒަކާތް ހައްގުވާ ފަގީރުންގެ ދަފްތަރުގައި 2،852 މީހުން ހިމެނެ އެވެ.
ޒަކާތު ހައުސް ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކި އިދާރާއެއް އުފެއްދެވުމަށްފަހު އެ އިދާރާއިން ވަނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމަލްކުރަމުންދާ މީހުންނަށް އިންޝުއަރެންސް ހަމަޖައްސައިދޭން ވެސް ނިންމައިފަ އެވެ.