ads
މީޑިއާ ކޮމިޝަންގެ މެންބަރުން
މީޑިއާތަކަށް ފައިސާ ދިނުން އާ ކޮމިޝަނާ ހަވާލުކޮށްފި
ދައުލަތުގެ ބަޖެޓުން 18 މީޑީއާއަކަށް ޖުމުލަ 28 މިލިއަން ރުފިޔާ ދޫކުރާނެކަން އިއުލާނުކޮށް، އެ ފައިސާ ދޭން ނިންމި ގޮތަށް ޝަކުވާކުރަން ފެށުމުން, އެ ނިންމުން ޔޫތު މިނިސްޓްރީން މިއަދު ބާތިލުކޮށްފި އެވެ.
Advertisement

ޔޫތް މިނިސްޓްރީން އިއްޔެ ވަނީ މި ހިލޭ އެހީއަށް ޝަރުތު ހަމަވާ މީޑިއާތަކާއި އެ މީޑިއާތަކަށް ލިބޭ ފައިސާގެ އަދަދުތައް ހާމަކޮށްފަ އެވެ. އެއާ އެކު، ދެފުށް ފެންނަ ނިޒާމެއް ނެތި އަދި އިގްތިސާދީ ގޮތުން މިފަދަ ދަތި ދަނޑިވަޅެއްގައި މީޑިއާތަކަށް ފައިސާ ދޭން ހަމަޖެއްސުމާ ގުޅިގެން މީޑިއާތަކުގައި މަސައްކަތް ކުރާ ބައެއް މީހުންނާއި އާންމުން ވެސް ކަންބޮޑުވުން ފާޅު ކުރި އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ޔޫތު މިނިސްޓްރީން ދެންމެ ގެޒެޓް ކުރި އިއުލާނެއްގައިވާ ގޮތުން، ފައިސާ ދިނުމަށްޓަކައި އެ މިނިސްޓްރީން މިހާތަނަށް ކުރަމުން އައި ކަންކަން ދެން ކުރާނީ އަލަށް އުފެއްދި މީޑިއާ ކޮމިޝަނުންނެވެ.

އެހެންވެ، މީޑިއާތަކަށް މާލީ އެހީދިނުމުގެ ހުރިހާ ކަމެއް އެ ކޮމިޝަނާ ހަވާލުކޮށް، އުސޫލާ ގުޅޭ ހުރިހާ އިއުލާނުތައް ބާތިލުކުރުމަށް އެ މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ޔޫތު މިނިސްޓްރީން އެހެން ނިންމިއިރު، މީޑިއާތަކަށްދޭ ފައިސާ ހޯދުމަށް ލިޔެކިޔުންތައް ހުށަހެޅުން ހިމެނޭހެން ގިނަ މަސައްކަތްތަކެއް އެ ކަމަށް އެދި ހުށަހެޅި މީޑިއާތަކުން ވަނީ ކޮށްފަ އެވެ. އަދި ފައިސާ ޔޫތް މިނިސްޓްރީން ބެހި ގޮތުން ބައެއް މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އާންމު މީހުންގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. 

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ވެސް ކަނޑައަޅާފައިވެ އެވެ. އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ.

އެ ފައިސާ ދެނީ އެކަމާބެހޭ އުސޫލުގައި ބުނާ ވަކި ޝަރުތުތަކެއް ހަމަވާ އަދި ވަކި މިންވަރަކަށް ޕޮއިންޓް ލިބޭ މީޑިއާތަކަށް އެކަންޏެވެ. އެއީ ރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލެއް ސަރުކާރުން ކަނޑައެޅި ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް