ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ބަޖެޓް ހުށައަޅުއްވަމުން އަންނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި (ހިލޭ އެހީއާ އެކު) 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.
ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 373.6 މިލިއަން ރުފިޔާ އެވެ. ދައުލަތަށް ޓެކްސްއިން އާމްދަނީގެ ގޮތުގައި އަންނަ އަހަރު 31.3 ބިލިއަން ރުފުޔާ ލިބޭނެކަމަށާއި އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 8.7 ނިލިއަން ލިބޭނެކަމަށް މޫސާ ޒަމީރު ވިދާޅުވިއެވެ. ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރަން 8.8 ބިލިއަން ރުފިޔާ ބޭނުންވާނެކަމަށްވެސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިއެވެ.
2026 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް މިނިސްޓަރު ޒަމީރު ހުށައަޅުއްވަނީ
އަންނަ އަހަރު ދައުލަތުން ހަރަދުވާނީ 49.4 ބިލިއަން ރުފިޔާކަމަށް މޫސާ ޒަމީރު ވިދާޅުވިއެވެ. އޭގެތެރެއިން ކެޕިޓަލް ހަރަދުގެ ގޮތުގައި ހިނގާނީ 9.3 ބިލިއަން ރުފިޔާއެވެ. ރިކަރެންޓް ހަރަދުގެ ގޮތުގައި ހިނގާނީ 39.9 ބިލިޔަން ރުފިޔާއެވެ. ދައުލަތުގެ ހަރަދު ބޮޑުވަނީ ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރާތީކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ޖުޑީޝަރީއަށް ގްރާންޓްގެ ގޮތުގައި 809 މިލިއަން ދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށްވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދީ ދުވެލި އަންނަ އަހަރު %5.3 ކުރިއަރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި 2026 އާއި 2028އާ ދެމެދު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން އެވަރޭޖު ގޮތެއްގައި ހުންނާނެ ކަމަށް ލަފާކުރެވެނީ %4.9 އެވެ.
ބަޖެޓް ހުށައަޅޫއްވަމުން ޒަމީރު ވިދާޅުވީ ބަޖެޓުގައި 9.3 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދަށް ކަމަށެވެ. އެއީ 2021 ގައި ސަރުކާރުން އިޝޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކާއި އޭގެ ކުރިން އިޝޫކުރި 100 މިލިއަން ޑޮލަރުގެ ބޮންޑެއް ދެއްކުމަށްކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.