އަންނަ އަހަރަށް ހުށަހަޅާ ބަޖެޓު ހުށަހެޅުމުގެ ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ މިއީ ބަޖުޓުގެ 62 ޕަސެންޓު ކަމުގައި އެވެ.
މި ހަރަދުތަކުގެ ތެރޭގައި ގިނަ ޒަމާން ތަކަކަށް ފަހު ސަރުކާރު މުވައްޒިފުންގެ މުސާރަ ބޮޑުކޮށް ޕޭ ހާމަނައިޒް ކުރުން ހިމެނޭ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ފާހަގަ ކުރެއްވި ގޮތުގައި މި ބަޖެޓު އަމާޒުވެފައިވާނީ ދިވެހިންގެ ދިރިއުޅުމަށް ފައިދާވާނެ ދާއިރާތައް ކަމުގައިވާ ތައުލީމާއި ސިއްހަތާއި ބޯހިޔާވަހިކަމާއި ވަޒީފާ އަދި ދިރިއުޅުމުގެ ދާއިރާ ތަކަށް ކަމުގައި އެވެ.
ޒަމީރު އިތުރަށް ވިދާޅުވީ މި ބަޖުޓު ފަރުމާ ކޮށްފައިވާނީ މާލީ ހަރުދަނާކަން އިތުރުކޮށް ދިވެހިންނައް ހަގީގީ މާނައިގައި ތަރައްގީ ގެނެވޭނެ ގޮތަކަށް ވިސްނައިގެން ކަމަށެވެ.
ޓްކެސްގެ ގޮތުގައި މި އަންނަ އަހަރު 31.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އިރު ޓްކެސް ނޫން ފައިސާގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 64.2 ބިލިއަން ރުފިޔާގެ ރެކޯޑް ބަޖެޓެއް މިއަދު ވަނީ ހުށަހަޅާފައިއެވެ.
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ބަޖެޓް ހުށައަޅުއްވަމުން އަންނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި (ހިލޭ އެހީއާ އެކު) 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.
ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 373.6 މިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު ދައުލަތުން ހަރަދުވާނީ 49.4 ބިލިއަން ރުފިޔާކަމަށް މޫސާ ޒަމީރު ވިދާޅުވިއެވެ. އޭގެތެރެއިން ކެޕިޓަލް ހަރަދުގެ ގޮތުގައި ހިނގާނީ 9.3 ބިލިއަން ރުފިޔާއެވެ.
ޖުޑީޝަރީއަށް ގްރާންޓްގެ ގޮތުގައި 809 މިލިއަން ދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށްވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދީ ދުވެލި އަންނަ އަހަރު %5.3 ކުރިއަރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި 2026 އާއި 2028އާ ދެމެދު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން އެވަރޭޖު ގޮތެއްގައި ހުންނާނެ ކަމަށް ލަފާކުރެވެނީ %4.9 އެވެ.
ބަޖެޓް ހުށައަޅޫއްވަމުން ޒަމީރު ވިދާޅުވީ ބަޖެޓުގައި 9.3 ބިލިއަން ރުފިޔާ ހިމަނާފައިވަނީ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދަށް ކަމަށެވެ. އެއީ 2021 ގައި ސަރުކާރުން އިޝޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކާއި އޭގެ ކުރިން އިޝޫކުރި 100 މިލިއަން ޑޮލަރުގެ ބޮންޑެއް ދެއްކުމަށްކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.