ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ދެވަނަ ކުންފުނިން އާންމުކުރި މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރަށްވުރެ މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ 0.9 ޕަސެންޓް އިތުރެވެ. އަދި އަހަރުގެ ދެ ވަނަ ކުއާޓަރަށްވުރެ ތިންވަނަ ކުއާޓަރުގެ އާމްދަނީ ވަނީ 1.8 ޕަސެންޓް އިތުރުވެފައިވެ އެވެ.
ތިންވަނަ ކުއާޓަރުގައި އުރީދޫއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޮބައިލް ހިދުމަތްތަކުންނެވެ. އެ ހިދުމަތްތަކުން 404.8 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު ފިކްސްޑް ބްރޮޑްބޭންޑް އަދި އެންޓަޕްރައިޒް ހިދުމަތްތަކުން އާމްދަނީއަށް ލިބިފައިވަނީ 143.7 މިލިއަން ރުފިޔާ އެވެ.
އަދި ހިންގުމުގެ ހަރަދާއި ޓެކުހަށް ކެނޑުމުގެ ކުރިން ތިންވަނަ ކުއާޓަރުގައި 212.2 މިލިއަން ރުފިޔާ ފައިދާވެފައިވެ އެވެ. ޓެކުހަށް ކެނޑުމަށްފަހު ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 180.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ތިން ވަނަ ކުއާޓަރުގައި ވެސް އުރީދޫން ވަނީ ކަސްޓަމަރުންނާ ގުޅުންހުރި ގިނަ ހިދުމަތްތަކެއް ތައާރަފުކޮށް، ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.
އުރީދޫގެ 20 ވަނަ އަހަރީ ފާހަގަ ކުރުމަށް އުމްރާ އަދި ހައްޖު ދަތުރު ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދާކަން ފާހަގަކުރައްވާ ހާލިދު ވިދާޅުވީ އެންމެ އިސްކަންދެނީ ރާއްޖޭގެ މުޖުތަމައު ޑިޖިޓަލީ ބާރުވެރިކުރުވާ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.