ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
ސްކޫލްތަކުން ވޭޕް މިހާރު ނުފެނެއޭ ބުނާ ވަރަށް މަދުވެއްޖެ: ޝަފީއު
ސްކޫލްތަކުން ވޭޕް މިހާރު ނުފެނެއޭ ބުނެވޭ ވަރަށް އެ އެއްޗެހި ފެންނަ ވަރު ވަރަށް ބޮޑަށް މަދުވެއްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ސަރުކާރުން އިއްޔެ އިން ފެށިގެން ތަންފީޒުކުރަން ފަށާފައިވާ 2007 އިން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާނެ ހުރިހާ ދިވެހިންނަށް ދުންފަތް މަނާވާ "ޖެނެރޭޝަނަލް ބޭން"ގެ ހާއްސަ ޓީވީ ކަވަރޭޖަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން މާލެ ސަރަހައްދުގެ ސްކޫލްތަކުން އެކަނިވެސް ދުވާލަކު 50-60 ވޭޕް ސްޓިކް ފެންނަ ކަމަށެވެ.

ނަމަވެސް، މިހާރު ހަފުތާއެއްގެ މައްޗަށް 1-2 ވެސް ނުފެނެއޭ ބުނާ ވަރަށް މަދުވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން ވެސް މިދިޔަ އަހަރުން ފެށިގެން މަނާކޮށްފައިވާއިރު، މިނިސްޓަރު ވިދާޅުވީ މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ވޭޕް މަނާކުރުމަކީ ދަރިވަރުންގެ ހެވާއި ލާބަޔަށްޓަކާއި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށާއި "ޖެނެރޭޝަނަލް ބޭން"އަކީ ވެސް އެއާ ގުޅިގެން އައި ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ސިއްހީ އިމްޕެކްޓަށް ބެލިކަމުގައި ވިޔަސް، އެކޮނޮމިކް އިމްޕެކްޓަށް ބެލި ކަމުގައި ވިޔަސް، އަދި އެކަމާ ގުޅިގެން ނުކުންނަ އެކިއެކި އިޖުތިމާއީ މައްސަލަތަކަށް ބެލިކަމުގައި ވިޔަސް މެ، އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެން އެންމެ އެކީ އަތާއި އަތް ގުޅާލައިގެން، އެއް ރޫހެއްގައި މިކަން ކާމިޔާބުކުރަން މަސައްކަތްކޮށް، ހަގީގީ ކާމިޔާބު ހޯދައިފި ނަމަ، ﷲ އިރާދަކުރެއްވިޔާ ރާއްޖެއަށް ވަރަށް އުފާވެރިކަމެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މި މުހިންމު ނިންމުންތަކާ ގުޅިގެން ރާއްޖެއަކީ މިހާރު މުޅި ދުނިޔެއަށް ނަމޫނާ ގައުމަކަށް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން ވެސް ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ.

ސަރުކާރުންބޭނުންވަނީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްކަމަށާއި އެންމެން ގުޅިގެން މެނުވީ މިކަމެއް ކާމިޔާބެއް ނުކުރެވޭނެ ޝަފީއު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ ދުންފަތާ ގުޅުންހުރި އެކި ބަލިތަކުގައި ކޮންމެ އަހަރަކު 150 އެއްހާ ދިވެހިން ކޮންމެ އަހަރަކު މަރުވާކަން ތަފާސްހިސާބުތަކުން އެނގެން އެބަހުރި ކަމަށާއި، އަދި ދުންފަތް ރާއްޖެއަށް އިމްޕޯޓްކުރުމަށް އަހަރަކު 1.8 ބިލިއަން ރުފިޔާ ހޭދަކުރާ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ރާއްޖެއިން މިހާތަނަށް އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ "ޖެނެރޭޝަނަލް ބޭން"އަށް އިއްޔެ އިން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލާ އެކު 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ ކުދިންނަށް އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން ވެސް މަނާވާނެ އެވެ.

އެ ގާނޫނަށް މިދިޔަ އަހަރުގެ ފަހުކޮޅު ގެނައި ބަދަލުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް 18 އަހަރުން 21 އަހަރަށް ވަނީ މަތިކޮށްފަ އެވެ. އަދި އެ އުމުރާ މެދު ޝައްކުވާ ނަމަ ދުންފަތުގެ ބާވަތްތައް ވިއްކޭނީ އުމުރު ކަށަވަރު ކުރުމަށް ފަހުގައި ކަމަށް ވެސް ވަނީ އިސްލާހުގައި ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް