މި އަސްކަރީ ހުށައެޅުން އޮންނާނީ މާދަމާ ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައެވެ. މި ހުށައެޅުމުގައި ދައްކައިދޭނީ ބަޔަކު ރާއްޖެއަށް ދީފާނެ ޓެރަރިޒަމް ހަމަލާއެއް ނާކާމިޔާބުކޮށްލުމަށް ދިވެހި އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނެއްގެ މަންޒަރުތަކެވެ.
މި އަސްކަރީ ހުށައެޅުމުގައި ސިފައިންގެ ހުނަރާއި ގާބިލުކަމާއި ފަހު ޒަމާނީ އުކުޅުތަކާއި އާލާތްތައް ފެނިގެން ދާނެކަމަށް ގައުމީ ދިފާއީ ބާރުން ބުނެއެވެ.
މިއަހަރުގެ ނަސްރުގެ ދުވަހާއި ގުޅިގެންވެސް ގައުމީ ދިފާއީ ބާރުން ވަނީ ގިނަ ހަރަކާތްތަކެއް އިންތިޒާމުކޮށްފައެވެ.
ނަސްރުގެ ދުވަހު ހިންގާ ހަރަކާތްތައް
ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިވެހިންގެ ހާއިނުންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންނާއި ގުޅިގެން ދިން ނުރައްކާތެރި އުދުވާނުން ނަސްރު ލިބުމުންނެވެ. އެ ހަމަލާގައި 19 ދިވެހިން ވަނީ ޝަހީދުކޮށްލާފައެވެ.