އެ ސިޓީއަށް ހިދުމަތްދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ވަނީ މައްސަލަ ހައްލުކޮށް މުޅި ސިޓީއަށް މިހާރު ފެން ފޯރުކޮށްދޭން ފަށާފައިވާކަން ހާމަކޮށްފަ އެވެ.
ފެނަކައިން ބުނި ގޮތުގައި، މި މައްސަލަ ދިމާވީ ފުވައްމުލަކުގައި ގާއިމުކޮށްފައިވާ ދެ ފެން ޕްލާންޓުގެ ތެރެއިން އެއް ޕްލާންޓުގެ ކަނެކްޝަނަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. ކުންފުނީގެ ޓެކްނިކަލް ޓީމުން މައްސަލަ ދެނެގަތުމަށް ކުރި މަސައްކަތުން، ފެނުގެ ނެޓްވޯކްގައި ލޮނުގެ އަސަރު ހުރިކަން ފާހަގަކުރެވުމާ ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މައްސަލަ ހައްލުކުރުމަށް ވަގުތީ ގޮތުން ހިދުމަތް މެދުކަނޑާލީ އެވެ.
ފުވައްމުލަކުގެ ފެނުގެ ނިޒާމަށް މައްސަލަ ދިމާވި މިއީ ފުރަތަމަ ފަހަރު ނޫނެވެ. މިދިޔަ އޭޕްރިލް މަހު ވެސް މިފަދަ މައްސަލައެއް ވަނީ ދިމާވެފަ އެވެ. ފުވައްމުލަކު މޭޔަރު، އިސްމާއީލް ރަފީގު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މިއީ ވަރަށް ދުވަސްވީ ކަންބޮޑުވުމެކެވެ. އަދި އޭނާ ވަނީ މިކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ތަކުރާރުކޮށް ގެންނަވާފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވެސް މި ވާހަކަ ހިއްސާކުރައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.