ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބެއްގައި ސިޔާމް މިހެން ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއަށް އިޝާރާތް ކުރައްވަމުންނެވެ.
ދިވެހީންގެ މަދު ބަޔަކު އަޑީގައި ތިބެ، ބޭރުގެ ނިރުބަވެރި ޖަމާއަތަކާ ގުޅިގެން ދިން އެ ހަމަލާއަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިފަދަ ހަމަލާއެއް އަނެއްކާވެސް ކުރިމަތިވެދާނެ ކަމަށް އަބަދުވެސް ތައްޔާރަށް ތިބުމަށް ސިޔާމް ވަނީ ކަމާބެހޭ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ. އަދި ގައުމުގެ މިނިވަންކަމާއި ސުލްހައަށް ބުރޫއަރާފާނެ ކޮންމެ ހަމަލާއަކުން ގައުމު ދިފާއުކުރުމުގެ އަޒުމުގައި ސާބިތުވެ ތިބުމަށާއި، ގައުމަށް ވަފާތެރި ވަތަނީ ބަޔަކަށް ވުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ސިޔާމް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.