ޝަމްހީދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެއާ އަޅާ ބަލާއިރު ހުޅުމާލެއަކީ ހާއްސަ ސިފަތަކެއް ލިބިފައިވާ ތަފާތު ތަނަކަށް ވާތީ، އެއީ ވަކި ސިޓީއެއްގެ ގޮތުގައި އޮންނަން ޖެހޭ ތަނެއް ކަމަށެވެ.
މެންބަރު ޝަމްހީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާލެ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތު އޮންނަ ގޮތުން ހުޅުމާލެއަށް ދޭންޖެހޭ އިސްކަން ނުދީފާނެ ކަމުގެ ކަންބޮޑުވުން އެބައޮތެވެ. އަދި އެހެން ސިޓީއެއްގެ ކައުންސިލަރުން ހުޅުމާލޭގެ ކަންކަމަށް ބަސް ކިއުމަކީ އެންމެ ރަނގަޅު އުސޫލެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ޝަމްހީދު ގަބޫލުކުރައްވާ ގޮތުގައި، ތަނެއްގެ ކަންކަން ބަލަހައްޓައި، އެތަނަކާ ގުޅޭ ގޮތުން ގޮތް ނިންމަން ޖެހޭނީ އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނެވެ. އެހެންކަމުން، ހުޅުމާލެ ވަކި ސިޓީއަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ރައްޔިތުންގެ މަޖިލީހަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
މިހާރު ހުޅުމާލެ ހިމެނެނީ މާލެ ސިޓީ ކައުންސިލްގެ ދަށުގައި ކަމަށް ވީނަމަވެސް، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާއި ގިނަ ކަންކަން ބަލަހައްޓަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.