މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތިގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގައުމަށްޓަކައި ގުރުބާން ވުމަކީ ހަމައެކަނި ޔުނީފޯމް އަަޅައިގެން ތިބި ސިފައިންނާއި ފުލުހުންގެ އެކަނި ކަމެއް ނޫންކަމަށެވެ.
ރައީސް ވިދާޅުވީ ކުރީގައި ގައުމުތައް އަޅުވެތިކުރަން ނުކުންނަނީ ހަތިޔާރު ހިފައިގެން ކުރިމަލައިގެން ނަމަވެސް މިހާރު އެ ގައުމެއްގެ އިގްތިސާދު އަޅުވެތިކަމަށް ވައްޓާލާ ގައުމުގެ މިނިވަންކަން ގެއްލުވާލަން ހަތިޔާރު ބޭނުންކުރާކަށް ނުޖެހޭ ކަމަށެވެ. އެގޮތުން ޓެކްނަލޮޖީގެ މި ޒަމާނުގައި ގާފިލުވެފައި ތިއްބާ މިނިވަން ގެއްލިގެން ހިގައިދާނެކަމަށެވެ.
ރައީސް ވިދާޅުވީ ކޮންމެ މީހަކަށް ހަތިޔާރުދީގެން ތަމްރީނު ނުކުރެވޭނެކަމަށާއި އެހެންނަމަވެސް ކޮންމެ މީހެއްގެ އަތުގައިވެސް ވަރަށް ވަރުގަދަ އެއް ހަތިޔާރު އެބައޮތްކަމަށެވެ. އެއީ މާތްﷲ ދެއްވި ބުއްދީގެ ވިސްނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި އާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.
ނޮވެމްބަރު 3ގެ ހަމަލާދިނުމުގައި އެންމެ އިސްކޮށް ތިބި ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރު ހައްޔަރުކޮށް އެމީހުންގެ މައްޗަށް އޭރުގެ އެންމެ މަތީ ކޯޓު، ހައި ކޯޓުން، މެރުމުގެ ހުކުމް އިއްވިއެވެ. އެހެންނަމަވެސް އޭރުގެ ގާނޫނު އަސާސީން އޭރުގެ ރައީސް މައުމޫމަށް ލިބިދޭ ބާރުގެ ދަށުން، އެ ހުކުމް ބަދަލުކުރެއްވީ އުމުރު ދުވަހުގެ ޖަލު ހުކުމަަކަށެވެ. އެއީ 25 އަހަރެވެ.