މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައަޅައި، "އައްޑޫ ސިޓީ" ގައި ހިމެނޭނީ އައްޑުއަތޮޅު "ހިތަދޫ" އާއި، އައްޑުއަތޮޅު "މަރަދޫ" އާއި، އައްޑުއަތޮޅު "މަރަދޫފޭދޫ" އާއި، އައްޑުއަތޮޅު "ފޭދޫ" ކަމަށާއި، "އައްޑޫ" ގެ އިހްތިސާސްގެ ބައެއްގެ ގޮތުގައި އޮތް "ހުޅުދޫ" އާއި "މީދޫ" އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅާ އައްޑޫގެ ރަށްތަކަށް މިވަނީ ބަދަލުގެނެސްފައެވެ.
މި އިސްލާހާއެކު، "އައްޑޫ ސިޓީ" އަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ކަނޑައެޅުމަށް ނިންމައި، "އައްޑޫ ސިޓީ" ހިންގުމަށްޓަކައި، "އައްޑޫ ސިޓީ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފެއްދުމަށް ރައީސް ވަނީ ކަނޑައަޅުއްވައިފައެވެ. މީގެ އިތުރުން، "އައްޑޫ މީދޫ" ހިންގުމަށްޓަކައި، އައްޑުއަތޮޅު / ސ. އައްޑޫ މީދޫ ކައުންސިލް އުފެއްދުމަށާއި، "އައްޑޫ ހުޅުދޫ" ހިންގުމަށް ޓަކައި، އައްޑުއަތޮޅު/ ސ. އައްޑޫ ހުޅުދޫ ކައުންސިލް އުފެއްދުމަށްވެސް ވަނީ ކަނޑައަޅުއްވައިފައެވެ.
މި އިސްލާހުތަކަށް ޢަމަލުކުރަން ފަށާނީ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ. އަދި އެ އިންތިހާބުގައި، އަލަށް އުފެދޭ އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ މީދޫ ކައުންސިލާއި، އައްޑޫ ހުޅުދޫ ކައުންސިލަށް މެމްބަރުން އިންތިހާބުކުރުން ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ބޭއްވުމަށްވެސް ރައީސް ވަނީ ކަނޑައަޅުއްވައިފައެވެ.
މިދިޔަ މަހު 25ގައި ބޭއްވި ފެންނަ ނުފެންނަ ވޯޓު ނެގީ، އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގެ އިތުރުން ގުޅިފައިވާ ރަށްތަކާ އެއްކޮށް އޮންނަ ފޭދޫގަ އެވެ. ހުޅޫދޫއާ މީދޫގެ ކައުންސިލުން ވަކިވާ ނިންމިނަމަވެސް، ފޭދޫގެ ގިނަ ބަޔަކު ބޭނުންވީ މިހާރު އޮންނަ ގޮތަށް ސިޓީ ކައުންސިލްގެ ދަށުގައި އޮންނާށެވެ.