އެ ގޮތުން ބަޖެޓަށް ބަހުސްކުރަން ކޮންމެ މެމްބަރަކަށް ގިނަވެގެން 15 މިނެޓު ދިނުމާއެކު ބަޖެޓް ދިރާސާ ކޮމިޓީގެ ރިޕޯޓަށް ކޮންމެ މެމްބަރަކަށް ހަތް މިނެޓު ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި މެންބަރުންގެ ސުވާލުތަކާއި ހިޔާލުތަކަށް ޖަވާބުދާރީ ވެވަޑައިގަތުމަށް ފިނޭންސް މިނިސްޓަރަށް 45 މިނެޓް ދިނުމަށްވެސް ވަނީ ނިންމާފަ އެވެ.
ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 40.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މުޅި ބަޖެޓުގެ 62 ޕަސެންޓެވެ. އެއީ މި އަހަރުގެ ބަޖެޓަށް ވުރެ 3.3 އިތުރު އަދަދެކެވެ. އަދި އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާ ކަމަށް ބަޖެޓްގައި އޮތްއިރު، އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 8.8 ބިލިއަން ރުފިޔާ އެވެ.
މިއަހަރަށް ވުރެ ބަޖެޓް އިތުރުވި އެންމެ ބޮޑު ސަބަބަކީ އަންނަ އަހަރަށް ދައްކަން ޖެހޭ ދަރަނި އިތުރުވުމެވެ. އެގޮތުން އަންނަ އަހަރުގެ އޭޕްރީލް މަހު 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ސުކޫކު ސަރުކާރުން އަނބުރާ ދައްކަން ޖެހެ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2022 ވަނަ އަހަރު ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑު ވެސް އަންނަ އަހަރު ސަރުކާރުން ދައްކަން ޖެހެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސިއްހީ ދާއިރާއަށް ކަމަށް ވިދާޅުވެފަ އެވެ. މި އަހަރުގެ ބަޖެޓުން އެންމެ އިސްކަމެއް ދިނީ ބޯހިޔާވަހިކަމަށެވެ. ބަޖެޓަށް ނަން ދިނީ ވެސް ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގަ އެވެ.
އެކަމަކު، ހިސާބުތަކުން އެނގޭ ގޮތުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖެހި 1.8 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ޚަރަދުކުރީ އެންމެ ނުވަ އިންސައްތަ އެވެ.