މިނެޓެއްހާއިރުގެ ވީޑިއޯގައި ފެށޭއިރު ފެންނަނީ ގެފުޅާ ވަރަށް ކައިރީގައި އިށީނދެ އިންނަ އަންހެނެއްގެ އަތުގައި ހިފައި ދަމައިގަނެ ދުރަށް ދަމައިގަންނަ މަންޒަރުންނެވެ. އޭގެ އިރުކޮޅެއް ފަހުން ފެންނަނީ އިހްރާމްގައި ހުރި ފިރިހެނަކާ އެ ސެކިއުރިޓީ އޮފިސަރާ ކުރިމަތިލައި އެ މީހާގެ ގައިގައި ޖެހިގަނެ ކޮއްޕަމުން ދުރަށް ގެންދަން އުޅޭތީ އެވެ.
ބެލެވޭ ގޮތުގައި ސެކިއުރިޓީ އޮފިސަރާ ކުރިމަތިލި، އިހްރާމްގައި ހުރި މީހާ އަކީ އަންހެން މީހާގެ ގައިގައި އަތްލައި ދަމައިގަތުމުން އެކަމާ ހިތްހަމަނުޖެހި އެކަމަށް ހުރަސްއަޅަން އުޅުނު މީހެކެވެ.
މި ހާދިސާތައް ހިނގި ސަބަބެއް ވީޑިއޯއަކުން ސާފެއް ނުވެ އެވެ.
މި ވީޑިއޯ ވައިރަލްގެ އެކި މީހުން އެކި ކޮމެންޓުތައް ކުރަމުން ގެންދާއިރު ހަރަމްފުޅުގެ ބައެއް ސެކިއުރިޓީން ހަރުކަށިކޮށް އަމަލުކުރުމަކީ އާންމު ކަމެއްކަމަށް އެތައް ބަޔަކު ބުނެފައިވެ އެވެ.
އަނެއް ބަޔަކު ސެކިއުރިޓީން ދިފާއުކޮށް ބުނެފައިވަނީ ހަރަމްފުޅުގެ ބައެއް ހިސާބުތަކުގައި އިށީނދެ ތިބުން މަނާ ކަމަށާއި އެއީ އެހެން މީހުންނަށް ދަތިވާނެތީ ކަމަށެވެ.
އެތައް ހާސް ބަޔަކު އަބަދުވެސް އުޅޭ ތަނެއްގައި ކަންކަން އޮމާންކަމާ އެކު ކުރިއަށް ގެންދަން މަސައްކަތްކުރާއިރު ބައެއްފަހަރު ހަރުކަށިކަމާ އެކު ވެސް އަމަލުކުރެވޭ ހާލަތް އަންނާނެ ކަމަށް އެ މީހުން ބުނެފައިވެ އެވެ.
ދިފާއުގައި ވާހަކަ ދައްކާފައިވާ މީހުން ބުނެފައިވަނީ ސެކިއުރިޓީން ވަރަށް ގިނައިރު ޑިއުޓީގައި އުޅެންޖެހޭ ކަމަށާއި އެހެންވެ ރުޅި ކޮންޓްރޯލް ނުވެ ހަރުކަށިކަމާ އެކު ކަންކަން ކުރެވޭ ހާލަތް ވެސް އަންނަ ކަމަށެވެ.
މިފަދަ ހާލަތުގައި، ކުޑަކުޑަ ކަމަކާ ހެދި ވެސް ހިތްހަމަނުޖެހި އެންމެ އެކަށީގެން ނުވާ ގޮތަށް އަމަލުކުރެވޭ ކަމަށް ބުނެފައިވެ އެވެ.
މިފަދަ ބައެއް ވީޑިއޯތައް މީގެ ކުރިން ވެސް އާންމުވެފައިވެ އެވެ.