ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ރަބީޗަންދަރަ ތިންގް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ ބޮޑު ނެޓްވޯކެއްގެ ތެރެއިން ކަމަށް ފުލުހުން ލަފާކުރެއެވެ.
ފުލުހުން ބުނި ގޮތުގައި، ރަބީޗަންދަރަ ހައްޔަރުކުރީ ހުޅުމާލެ ފޭސް 1 ގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް އޭނާގެ ހަރަކާތްތައް ހުރި ގޮތުން ޝައްކު ކުރެވިގެންނެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 500 އެމްއެލްގެ ދެ ފުޅި ފެނުނެވެ.
އެއަށްފަހު އޭނާ ދިރިއުޅޭ ތަން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 500 އެމްއެލްގެ އިތުރު 45 ފުޅި ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.