ads
ފުވައްމުލަކުގައި ޓޫރިސްޓު ހޮޓަލެއް ހެދުމާއި އިކޯ ޓޫރިޒަމް މަޝްރޫއުގެ އެއްބަސްވުމުގައި އެމްއޭސީއެލް އާއި ޓޫރިޒަމް މިނިސްޓްރީން ސޮއިކުރުން - ފޮޓޯ: ރައީސް އޮފީސް
ފުވައްމުލަކުގައި ސިޓީ ހޮޓަލެއް އަޅަން އެމްއޭސީއެލް އަށް
ފުވައްމުލަކުގައި ޓޫރިސްޓު ހޮޓަލެއް ހެދުމަށާއި މި ރަށުގައި އިކޯ ޓޫރިޒަމްގެ މަޝްރޫއެއް ހިންގުމަށް އެމްއޭސީއެލްއާ އެކު އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފި އެވެ.
Advertisement

މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކުގެ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ޖަލްސާގަ އެވެ. މި އެއްބަސްވުންތަކުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފެވެ.

ޓޫރިޒަމް މަޝްރޫއާ ގުޅޭގޮތުން މި ޖަލްސާގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި މަޝްރޫއު ކުރިއަށްގެންދާނީ ރައްޔިތުންނަށް އޭގެއިން ސީފާ ނަފާ ލިބޭނެ ގޮތަށް ކަމަށާއި ރަށްރަށުގެ ލޯކަލް ޓޫރިޒަމް މަޝްރޫއުތައް އެމްއޭސީއެލްއާ ހަވާލުކުރަނީ އެ ރަށެއްގެ ރައްޔިތުންނަށް އޭގެއިން ފައިދާވާނެ ގޮތަށް ކަމަށެވެ.

އެގޮތުން މި މަޝްރޫއު ނިމިގެންދާއިރު ރައްޔިތުންނަށް އާމްދަނީ އަދި ވަޒީފާގެ ގޮތުން ވެސް ރައްޔިތުންނަށް ފައިދާކުރާނެ ކަމަށާއި މި މަޝްރޫއު ވެގެންދާނީ ކާމިޔާބު މަޝްރޫއަކަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ވެސް އެ އިދާރާގައި މިރޭ ބައްދަލުކުރައްވައިފަ އެވެ.

ފުވައްމުލަކުގައި ހިންގަން ނިންމާފައިވާ އެހެން ބައެއް މަޝްރޫއުތަކުގެ އެއްބަސްވުމުގައި ވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކޮށްފަ އެވެ. އެ މަޝްރޫއުތަކަކީ؛

  • ފުވައްމުލަކު ސްކޫލުގައި 16 ކްލާސްރޫމާއި ލެބް ގާއިމުކުރުމުގެ މަޝްރޫއު. އެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ.
  • ޔޫތު ތާޑް ސްޕޭސް ތަރައްގީކުރުމުގެ މަޝްރޫއު. އެ މަޝްރޫއު ހަވާލުކުރީ ސެންޓަ ލޭންޑް ޕްރައިވެޓް ލިމިޓެޑުގެ ޕްރޮޖެކްޓްސްއާ.
  • ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުން. އެ މަޝްރޫއު ހަވާލުކުރީ އެމްއޭސީއެލްއާ.
  • އިސްލާމިކް ސެންޓަރެއް އެޅުން. އެ މަޝްރޫއު ހަވާލުކުރީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ
  • އޮފީސް ކޮމްޕްލެކްސް އިމާރާތެއް އެޅުން. އެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ.
  • ފުވައްމުލަކުގައި އާ ބަނދަރެއް ތަރައްގީކުރުން. އެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ.
  • މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް. އެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ.
  • އިތުރު 75 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު. އެ މަސައްކަތް ހަވާލުކުރީ ދި ގްލަޓް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްއާ.
  • ސްކޭޓް ޕާކެއް ތަރައްގީކުރުން. އެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ.

ރާއްޖޭގެ އެންމެ ދެކުނަށް ދެ ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މާދަމާ ވަޑައިގަންނަވާނީ އައްޑުއަށެވެ. ރައީސް މާދަމާ އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އައްޑޫ ހުޅުދު އާއި މީދުއަށެވެ. އަދި އެއަށް ފަހު އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ވެސް ވަޑައިގަންނަވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް