އެމްޕީއެލް ހުޅުމާލޭގެ ޕޯޓުގައި ބަހައްޓާފައިވާ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ގެއްލުނުކަން ފުލުހުން އެންމެ ކުރިން ހާމަކޮށްފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.
އެ ދުވަހު ސޯޝަލް މީޑިއާގައި ފުލުހުން ބުނީ، މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ވަގަށް ނެގިކަން، އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށް، ބައެއް މީހުން ފުރުން މަނާކޮށްފައި އޮތުމަށް ފަހު އޭގެ މަހެއްހާ ދުވަސް ފަހުން ފުލުހުން އަންގާރަ ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ބުނީ، ކޮންޓެއިނަރުތައް 26 އޭޕްރީލްގައި ކޮންޓެއިނަރުތަކެއް ވަގަށް ނެގި މައްސަލަ އޮކްޓޫބަރު މަހުގެ ނުވަވަނަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އަންގާރަ ދުވަހުގެ ރޭ ފުލުހުން ބުނި ގޮތުން، ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ހާދިސާ ހިނގިތާ ހަ މަހެއްހާ ދުވަސް ފަހުންނެވެ.
އެކަމަކު ފުލުހުންވަނީ އަންގާރަ ދުވަހުގެ ރޭ އާއްމު ކުރި ސްޓޭޓްމަންޓް ސޯޝަލް މީޑިއާއިން ޑިލީޓް ކުރުމަށް ފަހު، އަލުން އެހެން ސްޓޭޓްމެންޓެއް ނެރެފައެވެ. ފަހުން ނެރުނު ސްޓޭޓްމަންޓްގައި ކޮންޓެއިނަރުތައް ވަގަށް ނެގި ތާރީހުގެ ގޮތުގައި ތާރީހެއް ބުނެފައެއް ނުވެއެވެ.
ސިގިރޭޓް ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް ނުވަ މީހަކު ހައްޔަރުކުރުމަށް ފަހު، ފުލުހުން މިހާރުވަނީ ވަގަށް ނަގާފައިވާ ސިނގިރޭޓާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ރިޕޯޓް ކުރަން އެދިފަ އެވެ.
ސިނގިރޭޓް ވައްކަމުގެ ތުހުމަތަށް ހައްޔަރުކުރި ނުވަތަ މީހުންގެ ތެރޭގައި މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ވެސް ހިމެނެ އެވެ.
އެ މީހުންނަށް ކުރަނީ ސިނގިރޭޓް ކޮންޓެއިނަރުތައް ވަގަށް ގެންދިއުމުގެ އޮޕަރޭޝަނަށް ފަންޑުކުރި ކަމުގެ ތުހުމަތެވެ.