ads
ކިމް ޔޮންގް ނަމް
އުތުރު ކޮރެއާގެ ރަމްޒީ ވެރިޔާގެ މަގާމު 20 އަހަރު ފުރުއްވި ކިމް ޔޮންގް ނަމް އަވަހާރަވެއްޖެ
އުތުރު ކޮރެއާގެ ޕާލަމެންޓްގެ އިސްވެރިޔާގެ ގޮތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހުންނަވައި، ގައުމުގެ ރަމްޒީ ވެރިޔާގެ މަގާމު އަދާކުރެއްވި ކިމް ޔޮންގް ނަމް، އުމުރުފުޅުން 97 އަހަރުގައި އަވަހާރަވެއްޖެ އެވެ.
Advertisement

އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނީ، ކިމް ޔޮންގް ނަމް އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅާ ގުޅިގެން ގުނަވަންތައް ފޭލްވުމުގެ ސަބަބުން ކަމަށެވެ. އޭނާއަކީ އުތުރު ކޮރެއާގެ ވެރިކަން ކުރާ ކިމް އާއިލާއަށް ވަރަށް ބޮޑަށް ވަފާތެރި، ދުވަސްވީ ސިޔާސީ ޝަހުސިއްޔަތެކެވެ.

ކިމް ޔޮންގް ނަމް އަކީ 1998 އިން 2019 އަށް، ސުޕްރީމް ޕީޕަލްސް އެސެމްބްލީގެ ވެރިޔާގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އެއީ އުތުރު ކޮރެއާގެ ރަމްޒީ ވެރިޔާގެ މަގާމު ކަމުގައި ވިޔަސް، ގައުމުގެ ހަގީގީ ބާރުތައް އަބަދުވެސް އޮތީ ވެރިކަން ކުރާ ކިމް އާއިލާގެ އަތްމަތީގަ އެވެ. އޭނާ ވަނީ ގައުމުގެ ބާނީ ކިމް އިލް ސުންގް އާއި އޭނާގެ ދަރިކަލުން ކިމް ޖޮންގް އިލް އަދި މިހާރުގެ ލީޑަރު ކިމް ޖޮންގް އުން އަށް ވެސް ވަފާތެރިކަމާއެކު ހިދުމަތް ކުރައްވާފަ އެވެ. އޭނާގެ މަޝްހޫރު މަގާމުގެ ތެރޭގައި ޑިޕްލޮމެޓިކް ހަރަކާތްތަކާއި، ގައުމަށް ޒިޔާރަތްކުރާ އިއްޒަތްތެރި މެހެމާނުންނަށް މަރުހަބާ ދެންނެވުން ހިމެނެ އެވެ.

ކިމް ޔޮންގް ނަމްގެ ސިޔާސީ ހަޔާތުގައި ފާހަގަކޮށްލެވޭ އެއް ކަމަކީ 2018 ވަނަ އަހަރު ދެކުނު ކޮރެއާގައި ބޭއްވި ޕްޔޮންޗަންގް އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތަށް، ކިމް ޖޮންގް އުންގެ ކޮއްކޯފުޅު ކިމް ޔޯ ޖޮންގް އާއެކު ކުރެއްވި ދަތުރުފުޅެވެ. އެއީ ފަހުގެ ތާރީހެއްގައި އުތުރު ކޮރެއާގެ އެންމެ އިސް ފެންވަރުގެ އޮފިޝަލަކު ދެކުނު ކޮރެއާއަށް ކުރެއްވި ދަތުރުކަން ފާހަގަކޮށްލެވެ އެވެ. އުމުރުފުޅާ ގުޅިގެން ފަހުގެ އަހަރުތަކުގައި އޭނާގެ ނުފޫޒު ކުޑަވެ، 2019 ވަނަ އަހަރު ވަނީ މަގާމުން ވަކިކޮށްފަ އެވެ. ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ކިމް ޔޮންގް ނަމްގެ ހަށިގަނޑު ބޭއްވި ތަނަށް ޒިޔާރަތްކޮށް، ހިތާމަ ފާޅުކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް