ads
އެޑް ޝީރަން
އެޑް ޝީރަންގެ ސިޓީއަކުން ޔޫކޭގެ ތައުލީމީ މަންހަޖަށް ބޮޑު ބަދަލެއް
މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން، ޔޫކޭގެ ސްކޫލުތަކުގައި މިއުޒިކް ތައުލީމަށް ފަންޑު ކުރުމަށް ގޮވާލައި ފޮނުވި ސިޓީއަކާ ގުޅިގެން އެގައުމުގެ ސަރުކާރުން ތައުލީމީ މަންހަޖަށް ބޮޑު ބަދަލެއް ގެންނަން ނިންމައިފިއެވެ.
Advertisement

ފާއިތުވި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ޔޫކޭގެ ތައުލީމީ މަންހަޖަށް ގެންނަ މި ފުރަތަމަ ބަދަލުގެ މައިގަނޑު މަގުސަދަކީ ސްކޫލު ކުދިންނަށް މިއުޒިކާއި އާޓްސްގެ އެހެނިހެން ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދިނުމެވެ.

ޝީރަން މިދިޔަ މާޗު މަހު ފޮނުވި ހުޅުވާލެވިފައިވާ ސިޓީގައި ވަނީ، މިއުޒިކް ކިޔެވުމާއި އާލާތްތައް ކުޅެން ދަސްކުރުމަކީ "ހުރިހާ ކުދިންނަށް ތަނަވަސްކަން ލިބިފައިނުވާ ލަގްޒަރީއަކަށް" ވެފައިވާކަމަށް ބުނެ އިންޒާރު ދެއްވާފައެވެ. އޭނާގެ މި ހަރަކާތަށް މަޝްހޫރު ފަންނާނުން ކަމަށްވާ ހެރީ ސްޓައިލްސް، ސްޓޯމްޒީ އަދި އެލްޓަން ޖޯން ފަދަ ފަރާތްތަކުން ތާއީދުކުރިއެވެ. ޔޫކޭގެ ޕްރައިމް މިނިސްޓަރު ކިއާ ސްޓާމާ ވަނީ ޝީރަންގެ މަސައްކަތް ވަރަށް "ބާރުގަދަ" ކަމަށް ވިދާޅުވެ ތައުރީފު ކުރައްވާފައެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްރިޖެޓް ފިލިޕްސަން ވިދާޅުވީ، އާޓްސް އަކީ ހުރިހާ ކުދިންނަށް ލިބެންޖެހޭ ފުރުސަތެއް ކަމަށާއި އެއީ ހަމައެކަނި ނަސީބުވެރި މަދު ބަޔަކަށް ހާއްސަވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

މި އާ ބަދަލުގެ ދަށުން، މެތްސް އަދި ސައިންސް ފަދަ "އެކަޑެމިކް" މާއްދާތަކަށް އިސްކަންދީ އާޓްސްގެ މާއްދަކުގައި ކުރިން އޮތް "އިންގްލިޝް ބެކަލޯރިއޭޓް (އީބީއޭސީސީ)" މިންގަނޑު އުވާލާނެއެވެ. އަދި ސްކޫލުތަކުގައި ހުރިހާ ކުދިންނަށް މިއުޒިކާއި އާޓްސް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީ، އިތުރު މާއްދާތައް ކިޔެވުމަށް ހިތްވަރު ދޭނެއެވެ. މިކަމާ ގުޅިގެން ޝީރަން ބުނީ، މިއީ ރަނގަޅު މިސްރާބަކަށް އެޅުނު ފިޔަވަޅެއް ކަމަށާއި، މީގެ ސަބަބުން ޒުވާނުންނަށް އުންމީދާއި ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އޭނާ ވަނީ ސްކޫލު ދައުރުގައި އޭނާގެ މިއުޒިކް ޓީޗަރުގެ ފަރާތުން ލިބުނު ހިތްވަރަކީ މިއަދު އޭނާ މިހުރި ހިސާބަށް އައުމުގެ މައިގަނޑު ސަބަބުކަން ފާހަގަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް