ޕޫޓިން މި އަމުރު ނެރުއްވީ، އެމެރިކާއިން އަލުން ނިއުކްލިއާ ޓެސްޓުތައް ފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.
ޕޫޓިން ވިދާޅުވި ގޮތުގައި، ރަޝިއާއިން އަބަދުވެސް ކޮމްޕްރިހެންސިވް ނިއުކްލިއާ ޓެސްޓު ބޭން ޓްރީޓީއަށް ހުރުމަތްތެރިކޮށް ހިތާ ކަމަށެވެ. ނަމަވެސް، އެމެރިކާއިން ނުވަތަ އެހެން ނިއުކްލިއާ ބާރަކުން އެފަދަ ޓެސްޓެއް ކޮށްފިނަމަ، ރަޝިއާއިން ވެސް އެކަން ކުރާނެ ކަމުގެ އިންޒާރު ޕޫޓިން ދެއްވިއެވެ. ޕޯސްޓް-ސޯވިއެޓް ޒަމާނުގައި ރަޝިއާއިން މިފަދަ ޓެސްޓެއް ކޮށްފައި ނުވާއިރު، ސޯވިއެޓް ޔޫނިއަންއިން އެންމެ ފަހުން ޓެސްޓެއް ހެދީ 1990 ވަނަ އަހަރުއެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓަރު އަންދްރޭ ބެލައުސޯވް ވިދާޅުވީ، އެމެރިކާގެ އަމަލުތަކުގެ ސަބަބުން، "ފުލް-ސްކޭލް ނިއުކްލިއާ ޓެސްޓުތަކަށް" ވަގުތުން ތައްޔާރުވުން މުހިންމު ކަމަށެވެ. އަދި ރަޝިއާގެ އާކްޓިކް ސަރަހައްދުގައިވާ ނޮވާޔާ ޒެމްލްޔާ ޓެސްޓިން ސައިޓް ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޓެސްޓުތައް ހެދޭނެ ފެންވަރަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޕޫޓިން ވަނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު އެއްކޮށް، ހުށަހެޅުންތައް ތައްޔާރުކުރުމަށް ފޮރިން މިނިސްޓްރީއަށާއި ޑިފެންސް މިނިސްޓްރީ އަދި ކަމާގުޅޭ އެހެން އިދާރާތަކަށް އަންގަވާފައެވެ.