މި މަޝްރޫއު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.
ހިތަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އަދި އައްޑޫގެ ދާއިރާތަކުގެ މަޖިލިސް މެމްބަރުންނެވެ. ދައުލަތުގެ ބަޖެޓުން 829.8 މިލިއަން ރުފިޔާ ހަރަދުކުރާ މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ ތިން އަހަރާއި ނުވަ މަސް ދުވަހުގެ ތެރޭގަ އެވެ.
މި މަޝްރޫއުގެ ދަށުން 16 ކިލޯމީޓަރުގެ ލިންކް ރޯޑް ޒަމާނީކުރުމުގެ އިތުރުން، އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ 67.58 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި، ފޭދޫގައި ފެން ހިންދާ ނިޒާމެއް ގާއިމްކުރުމާއި ދުވާރު ހެދުން ހިމެނެ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2003 ވަނަ އަހަރު ބޭނުންކުރަން ފެށި ލިންކް ރޯޑް، އެކަށީގެންވާ މަރާމާތެއް ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.