އެމްޑީޕީގެ އިގްތިސާދީ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި އެއްވެސް ސިޔާސަތެއް ނެތް ކަމަށާއި، އޭގެ ސަބަބުން ރައްޔިތުން މިހާރު ތަހައްމަލު ކުރަމުންދާ އުނދަގޫތަކަށް އެއްވެސް ލުޔެއް ނުލިބޭނެ ކަމަށެވެ.
އަމީރު ފާހަގަކުރެއްވި ގޮތުގައި، އަންނަ އަހަރަށް ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ، ދައުލަތުގެ އާމްދަނީ އެންމެ ހަ ޕަސަންޓު އިތުރުވާނެ ކަމަށް ލަފާކުރާއިރު، ސަރުކާރުގެ ހަރަދު 11 ޕަސަންޓު އިތުރުވާ ބަޖެޓެކެވެ. މިކަމުގެ ސަބަބުން، މިދިޔަ ދެ އަހަރުގެ ތެރޭގައި ހެދުނު މާލީ ގޯސްތައް ތަކުރާރުވެ، ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މުސާރައަށް 2.2 ބިލިއަން ރުފިޔާ އިތުރުކޮށްފައިވާކަން ފާހަގަކުރައްވައި، މިއީ ހަރަދު ކޮންޓްރޯލް ކުރުމުގެ ބަދަލުގައި އިތުރު ކުރަމުންދާކަމުގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، މި ހިނގާ އަހަރުގެ ބަޖެޓަކީ "ގެދޮރުވެރިކަމުގެ ބަޖެޓެއް" ގެ ގޮތުގައި ސިފަކުރި ނަމަވެސް، އެއްވެސް ހައުސިން މަޝްރޫއެއް ފެށިފައި ނުވާ ކަމަށެވެ. އަދި ކަންބޮޑުވާން ޖެހެނީ، އަންނަ އަހަރުގެ ބަޖެޓުގައި ހައުސިން މަޝްރޫއުތަކަށް ކަނޑައަޅާފައިވާ އަދަދު 29 ޕަސަންޓު ދަށްކޮށްފައިވާތީ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ. ގެދޮރުވެރިކަމަށް ކުރާ ހަރަދު ކުޑަކޮށް، ބަޖެޓު ބޮޑުކޮށްފައިވަނީ އިދާރީ ދާއިރާތަކަށާއި ޑިފެންސަށް ކަމަށާއި، މިއީ ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންގެ އެދުންތަކާ ދުރަށް ގޮސްފައިވާކަން ދައްކުވައިދޭ ކަމެއް ކަމަށް އަމީރު ވިދާޅުވި އެވެ.