ads
ނަތަންޔާހޫ
ނަތަންޔާހޫ އާއި އިސްރާއީލުގެ އިސް 36 އޮފިޝަލަކު ހައްޔަރުކުރުމުގެ އަމުރެއް
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެގައުމުގެ އިތުރު 36 އިސް އޮފިޝަލަކު ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެރެފި އެވެ.
Advertisement

މި އަމުރު ނެރެފައިވަނީ ގައްޒާގައި "ޖެނޮސައިޑް" އާއި "އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް" ހިންގާފައިވާ ކަމުގެ ތުހުމަތުގަ އެވެ. ތުރުކީގެ އިސްތަންބޫލް ޗީފް ޕަބްލިކް ޕްރޮސެކިއުޓަރުގެ އޮފީހުން މި އަމުރު ނެރެފައިވަނީ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ. މިއީ ގައްޒާގެ މައްސަލައިގައި އިސްރާއީލާ ދެކޮޅަށް ތުރުކީން އެޅި ވަރުގަދަ ފިޔަވަޅެކެވެ.

ނަތަންޔާހޫގެ އިތުރުން ހައްޔަރުކުރަން އަމުރު ނެރެފައިވާ މީހުންގެ ތެރޭގައި އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިޒްރާއީލް ކެޓްޒް، ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން-ގްވީރް، އައިޑީއެފްގެ ޗީފް އޮފް ސްޓާފް އިޔާލް ޒަމީރު އަދި ނޭވަލް ފޯސަސްގެ ކޮމާންޑަރު ޑޭވިޑް ސާރް ސަލާމާ ހިމެނެ އެވެ. ޕްރޮސެކިއުޓަރުން ބުނީ، މި ތަހުގީގު ފަށާފައިވަނީ ގައްޒާއަށް އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ދަތުރުކުރި "ސުމޫދު ފްލޮޓިއްލާ" އަށް ހަމަލާދިނުމާއި، އާންމުންނަށް އަމާޒުކޮށް ހިންގާފައިވާ ހަމަލާތަކާއި އަދި ހޮސްޕިޓަލްތަކަށް ދިން ހަމަލާތަކާ ގުޅިގެން ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ކަމަށެވެ.

ގައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައަށް ތުރުކީން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ތުރުކީގެ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ގާތްގަނޑަކަށް 69،000 ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. މިއީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައިސީސީ) 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނަތަންޔާހޫ ހައްޔަރުކުރަން ނެރުނު އަމުރާ ވަކިން، ތުރުކީން އެތެރޭގެ ގާނޫނުގެ ދަށުން ނެރުނު ފުރަތަމަ އަމުރެވެ. ހައްޔަރުކުރަން އަމުރު ނެރުނު މީހުން ތުރުކީގައި ނެތުމުން ވަގުތުން އެ އަމުރު ތަންފީޒުކުރުމަކީ އެކަށީގެންވާ ކަމެއް ނޫން ނަމަވެސް، މިއީ އެމީހުންގެ ދަތުރުފަތުރަށް ހުރަސްއެޅި، ޑިޕްލޮމެޓިކް ގޮތުން އިތުރު ޕްރެޝަރެއް ކުރިމަތިވާނެ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް