މިގޮތުން 2013 ވަނަ އަހަރު ނެރުނު ޖީޓީއޭ 5 ގެ މި ސީކުއެލް، ކުރިން ރިލީޒްކުރަން ހަމަޖެހިފައި އޮތީ 2025 ވަނަ އަހަރު ނަމަވެސް، މިހާރު މި ގޭމް ރިލީޒްކުރާނީ 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. ގޭމްގެ ޑިވެލޮޕަރު، ރޮކްސްޓާ ގޭމްސް އިން ބުނީ މި ލަސްވުމަކީ ފޭނުން އުއްމީދުކުރާ ފެންވަރަށް ގޭމް ފުރިހަމަކޮށް ނިންމާލުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.
ގޭމިން އިންޑަސްޓްރީގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯޖް އޮސްބޯން ފާހަގަކުރާ ގޮތުގައި ރޮކްސްޓާގެ މާޒީއަށް ބަލާއިރު، މިއީ އެހާ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އެއީ އަބަދުވެސް އެ ކުންފުނީގެ ގޭމްތައް "އެންމެ ފުރިހަމަ" ވުމުން ނޫނީ ނެރޭ ކުންފުންޏެއް ނޫނެވެ. އެއް ބިލިއަން ޕައުންޑަށްވުރެ ބޮޑު ބަޖެޓަކުން ތައްޔާރުކުރާ ކަމަށް ބެލެވޭ މި ގޭމަށް ފޭނުން އިންތިޒާރުކުރާތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ގޭމް ނެރޭއިރު އެންމެމަތީ ފެންވަރެއްގައި ހުރުމަކީ ރޮކްސްޓާއިން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމެކެވެ.
ޖީޓީއޭ 6 ލަސްވުމަކީ ގިނަ ފޭނުންނަށް މާޔޫސްކަމެއް ލިބުނު ކަމަކަށް ވީނަމަވެސް، މިއީ ގޭމިން އިންޑަސްޓްރީގެ އެހެން ކުންފުނިތަކަށް ލިބުނު ފަހި ފުރުސަތެކެވެ. ޖީޓީއޭ 6 ރިލީޒްކުރުމާއެކު މުޅި މާކެޓުގެ ސަމާލުކަން އެ ގޭމަށް ހުއްޓޭނެތީ، އެހެން ގޭމްތައް އާންމުކޮށް ނެރެނީ ޖީޓީއޭގެ ރިލީޒް ތާރީހާ ދުރުގަ އެވެ. އެގޮތުން، 'ރެސިޑެންޓް އީވިލް ރެކިއެމް' އަދި ޖޭމްސް ބޮންޑްގެ އާ ގޭމް 'ފަސްޓް ލައިޓް' ފަދަ ގޭމްތަކަށް މާކެޓުގައި ވާދަކުރަން އިތުރު ފުރުސަތު ލިބިގެންދާނެ އެވެ. އެހެންކަމުން، ގޭމިން އިންޑަސްޓްރީ ހިންގަނީ ޖީޓީއޭ 6 ގެ ތާރީހުތަކަށް ބަލައިގެން ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.