އޭނާ ވިދާޅުވީ، ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި އޯޒޯން ފަށަލަ ހިމާޔަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ފާއިޒް މިކަމަށް ގޮވާލައްވާފައިވަނީ ސީއޯޕީ13އެމްއޯޕީ36 ގެ މަތީފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފާއިޒް ވަނީ އޯޒޯން ފަށަލަ ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ ޕްރޮޓޮކޯލްތަކުގެ މަގުސަދުތައް ހާސިލްކުރުމަށް ދުނިޔޭގެ ހުރިހާ ގައުމެއް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ އޯޒޯން ފަށަލައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ހުރިހާ ގައުމުތަކުންވެސް ދެމިހުންނަ އަޒުމަކާއެކު މަސައްކަތް ކުރިއަށް ގެންދިއުމަށް ބާރުއަޅުއްވާ ކަމަށެވެ.
އޯޒޯން ފަށަލަ ހިމާޔަތްކުރުމަކީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނެ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އޮންނަ ރާއްޖެއަށް ވަރަށް މުހިންމު ކަމެކެވެ. އޯޒޯން ރައްކާތެރިކުރުމާ ގުޅޭގޮތުން ދުނިޔޭގެ ފެންވަރުގައި މަޝްވަރާކޮށް، ކުރިއަށް އޮތްތަނުގައި މަސައްކަތްތައް ހަރުދަނާކުރާނެ ގޮތްތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ މި ބައްދަލުވުމުގެ މައިގަނޑު އެއް ބޭނުމެވެ. ފާއިޒްގެ މި ގޮވާލެއްވުން އައިސްފައިވަނީ ޔޫއެންއީޕީއޯޒޯން އިން ހިންގާ #OzoneAction ކެމްޕޭނުގެ ދަށުންނެވެ.