ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މިއީ ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށާއި، ގައުމުން ބޭރަށް ފައިސާ ދިއުން ހުއްޓުވުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ ހިއްސާވާ ކުންފުނިތަކަށް އަންގައި، ރިއަލް އެސްޓޭޓް ދާއިރާގެ ކޮންޓްރެކްޓަރުންނާއި، ސަޕްލަޔަރުންނާއި، އަދި އެހެނިހެން ވިޔަފާރިތަކުގެ ތެރެއިން ދިވެހި ފަރާތްތަކަށް އިސްކަން ދިނުމަށް އަންގާފައެވެ. މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި، ބޭރުގެ ރިއަލް އެސްޓޭޓް އެސެޓްތައް ވިއްކައިގެން ލިބޭ ފައިސާ ޑޮލަރަށް ބަދަލުކޮށް ގައުމުން ބޭރުކުރުމުގެ މައްސަލަ ބޮޑުވެފައިވާތީ، މި ފިޔަވަޅު އެޅީ އެކަން ހުއްޓުވުމުގެ ބޭނުމުގައެވެ.
މި އާ އުސޫލާއެކު ސަރުކާރުގެ އަމާޒަކީ، ޓެކްސް ދައްކާ ދިވެހި ކުންފުނިތައް ބާރުވެރިކުރުވައި، އެފަދަ ވިޔަފާރިތައް އާ ހަރުފަތަކަށް ގެންދިއުމެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށްވެސް މިހާރު ވަނީ އެތައް ސަތޭކަ ކޮންޓްރެކްޓެއް ދިވެހި ކުންފުނިތަކާ ހަވާލުކޮށްފައެވެ. މިކަމުން ދައްކުވައިދެނީ ދިވެހި ވިޔަފާރިތަކަށް ސަރުކާރުން ދެއްވާ އިސްކަން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.