އެ ރަށުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ވިކާޝް އަހުމަދު އިތުރު ފަރުވާއަށް މިދިޔަ އަންގާރަ ދުވަހު ވަނީ މާލެ ގެނެސްފަ އެވެ. ނަމަވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ވަނީ މަރުވެފަ އެވެ.
އޭނާގެ ކަށުނަމާދު ކޮށްފައި ވަނީ، މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވިކާޝް އެކްސިޑެންޓްވީ އޭނާ ދުއްވި ސައިކަލުން ގެއެއްގެ ފާރުގައި ޖެހިގެން ކަމަށެވެ. އަދި އޭނާ ވެއްޓިފައި އޮއްވާ ފެނުނީ ރަށުތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް، އެ ރޭ މެންދަމު 1:30 ހާއިރު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 2487 ޓްރެފިކް އެކްސިޑެންޓް އެ މުއައްސަސާއަށް ރިޕޯޓުކޮށްފައި ވެއެވެ.