މާލެ އަތޮޅު ގުރައިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަސްޓް ލޭޑީ ވިދާޅުވީ ކެއިންބުއިމާއި ދިރިއުޅުމުގެ ރަނގަޅު އާދަތަކަށް އަހުލުވެރިވުމަކީ ދުޅަހެޔޮ އުފާވެރި ދިރިއުޅުމުގެ ތަޅުދަނޑި ކަމަށެވެ. ގައުމެއް ބިނާކުރުމުގައި ޕްރިވެންޓިވް ހެލްތުކެއާ އަށް އިސްކަން ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެ ކަމަނާ ވިދާޅުވި އެވެ.
ކެއިންބުއިމާއި ދިރިއުޅުމުގެ ރަނގަޅު އާދަތަކަށް އަހުލުވެރިވެފައިވާ ގައުމެއްގައި އޮންނާނީ އުފާވެރިކަމާއި ހިތްފަސޭހަކަމާއި ތަހުޒީބާއި އުފެއްދުންތެރިކަން ކަމަށް ވެސް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށްޓަކާ، މިއަދު މި ފެށުނު މުހިންމު ގައުމީ ކެމްޕޭނުގައި ހުރިހާ ރައްޔިތުން ހިތާރޫޙުން ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވަމުންނެވެ.
ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިނަކީ އާންމު ސިއްހަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދިރިއުޅުގެ އާދަތަކާއި ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ރާއްޖޭގައި އާންމުވަމުންދާ ބަލިތަކުން ރައްޔިތުން ދުރުހެލިކޮށް ރައްކާތެރިކުރުމަށް، ހޭލުންތެރިކުރުމުގެ މަގްސަދުގައި ހިންގޭ ކެމްޕޭނެކެވެ.
ފަސްޓް ލޭޑީ ސާޖިދާ، ދުޅަހެޔޮ ދިރިއުޅުން- އުފާވެރި މުޖުތަމައު ކެމްޕެއިން ކ. ގުރައިދޫގައި މިއަދު އިފުތިތާހު ކޮށްދެއްވަނީ - ފޮޓޯ: ރައީސް އޮފީސް
"ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު" މި ޝިއާރުގެ ދަށުން މި ކެމްޕެއިންގައި ކުޑަކުދިންނާ، ޒުވާނުންނާ، އަންހެނުންނާ އަދި ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށް ދުޅަހެޔޮކަން ކުރިއަރުވާ އެކަމުގައި މަޝްހޫލުވެ، ދެމެހެއްޓެނިވި އާއްމު ސިއްހަތާ ގުޅޭ ހަރަކާތްތަކެއް ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގުމަށް ވަނީ ނިންމާފަ އެވެ.
މިކެމްޕެއިންގެ މަސައްކަތާއި ހަރަކާތްތަކުން އާއްމު ސިއްހަތު ކުރިއެރުވުމަށް އެންމެ ރަގަޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށާއި މަސައްކަތުގައި ދެމިހުރުމަށް ހިތްވަރު ދިނުމަށް ތިން އެވޯޑެއް ވަނީ ތައާރަފްކޮށްފަ އެވެ. އެއީ ކެމްޕެއިންގެ ޝިއާރުގެ ދަށުން، ރަށު އެވޯޑް، ސްކޫލު އެވޯޑް އަދި ޖަމިއްޔާ އެވޯޑެވެ.
މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ހެލްތު އަބްދުﷲ ނާޡިމް އިބްރާހީމާއި މިނިސްޓްރީގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެމްބަރު އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.