އިންޑިއާގެ އެހީގައި ތަރައްގީކުރި ހަނިމާދޫ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރެއެވެ.
އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ވަޑައިގަތީ އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ހަނިމާދޫ އެއާޕޯޓްގެ ޓަވަރު
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކޮށްފައިވަނީ 2465 މީޓަރުގެ ދިގު، ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާބޯޓުކަމަށްވާ ބޮއިން 737 އާއި އެއާބަސް A320ގެ ބޯޓުތައް ޖެއްސޭ ފެންވަރުގެ ރަންވޭއެކެވެ. އެންމެ ޒަމާނީ އަދި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭފަދަގޮތަކަށް ތަރައްގީކުރަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރުގެ އެއާޕޯޓެކެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަނީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.
އިންޑިއާގެ ޖޭއެމްސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެ ވެ. މިމަޝްރޫއަކީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.