އެ ކޮމިޝަނުން ބުނީ މިއަހަރުގެ ފުރަތަމަ ކުއާޓާރް ތެރޭގައި ޕްރޮކިއުމަންޓާއި ގުޅުންހުރި 43 މައްސަލައެއް ހުށަހެޅިފައިވާ އިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޕްރޮކިއުމަންޓާއި ގުޅުން ހުރި 30 މައްސަލަ އެއް ހުށަހެޅިފައިވާ ކަމުގަ އެވެ.
ދެވަނަ އަށް އެންމެގިނައިން ހުށަހެޅިފައިވަނީ ދައުލަތުގެ ފައިސާއާއި ތަކެތި ބޭނުން ކުރުމާއި ގުޅުން ހުރި މައްސަލަތައް ކަމަށާއި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މިކަމާއި ގުޅޭ 16 މައްސަލައެއް އަދި ދެވަނަ ކުއާޓަރުގައި 14 މައްސަލަ އެއް ހުށަހެޅިފައިވާ ކަމަށް އެ ކޮމިޝަނުން ފާހަގަ ކުރެ އެވެ.
އަދި ކުއްޔަށް ދީފައިވާ ބިންތަކާއި ތަކެއްޗާ ގުޅިގެން ފުރަމަތަ ކުއާޓަރުގައި ނުވަ މައްސަލަ އެއް ހުށަހެޅިފައިވާ އިރު ދެވަނަ ކުއާޓަރުގައި މި އަދަދު 13 އަށް މަތި ވެފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެ އެވެ.
މީގެ އިތުރުން ވަޒީފާއާއި ގުޅުން ހުރި ނުވަ މައްސަލައެއް ފުރަތަމަ ކުއާޓަރުގައި ހުށަހެޅިފައިވާ އިރު ދެވަނަ ކުއާޓަރުގައި އެ ކަމާއި ގުޅިގެން ހުށަހެޅިފައިވަނީ އަށް މައްސަލަ އެއް ކަމަށް އެ އިދާރާއިން ހާމަ ކުރެ އެވެ.
މައްސަލަތައް އެންމެ ގިނައިން ހުށަހެޅިފައިވަނީ އަތޮޅު ތެރެއިން ކަން ފާހަގަ ކުރައްވަމުން އެ ކޮމިޝަނުން ބުނީ ފުރަތަމަ ކުއާޓަރުގައި ހުށަހެޅިފައިވާ މައްސަލަތަކުގެ %53.8 މައްސަލަ ހުށަހެޅިފައިވަނީ އަތޮޅުތެރެއިން ކަމަށް ވާއިރު ބާކީ %46.2 މައްސަލަތައް ހުށަހެޅިފައިވަނީ މާލެއިން ކަމުގަ އެވެ.
ދެވަނަ ކުއާޓާރުގައި އަތޮޅުތެރެއިން %63.1 މައްސަލަތައް ހުށަހެޅިފައި ވާ އިރު މާލެ އިން ހުށަހެޅިފައިވަނީ ބާކީ %36.9 ކަމުގައި އެ ކޮމިޝަނުން ބުނެ އެވެ.
ކޮރަޕްޝަން ހުއްޓުވުމަށް ވަރަށް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދެވިފައިވާ ކަމަށާއި އެ ގޮތުން އެ ކޮމިޝަނުން ކުރިޔަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްތަކަށް އާންމުން އަދި ސަރުކާރުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.