އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 64.2 ބިލިއަން ރުފިޔާގެ ރެކޯޑް ބަޖެޓެއްވަނީ ހުށައަޅައިފައެވެ. ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ބަޖެޓް ހުށައަޅުއްވަމުން އަންނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި (ހިލޭ އެހީއާ އެކު) 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރަނީ 373.6 މިލިއަން ރުފިޔާ އެވެ.
ދައުލަތަށް ޓެކްސްއިން އާމްދަނީގެ ގޮތުގައި އަންނަ އަހަރު 31.3 ބިލިއަން ރުފުޔާ ލިބޭނެކަމަށާއި އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 8.7 ނިލިއަން ލިބޭނެކަމަށް މޫސާ ޒަމީރު ވިދާޅުވިއެވެ. ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރަން 8.8 ބިލިއަން ރުފިޔާ ބޭނުންވާނެކަމަށްވެސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓުގެ ވަގުތެއް ދޭން މަޖިލީހުންވަނީ ފާސްކޮށްފައެވެ. އާންމު ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމީ މިދިޔަ އަހަރުވެސް ބަޖެޓް ބަހުސަށް ދިން ވަގުތު ދިނުމަށެވެ.
އެ ގޮތުން ބަޖެޓަށް ބަހުސްކުރަން ކޮންމެ މެމްބަރަކަށް ގިނަވެގެން 15 މިނެޓު ދިނުމާއެކު ބަޖެޓް ދިރާސާ ކޮމިޓީގެ ރިޕޯޓަށް ކޮންމެ މެމްބަރަކަށް ހަތް މިނެޓު ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި މެންބަރުންގެ ސުވާލުތަކާއި ހިޔާލުތަކަށް ޖަވާބުދާރީ ވެވަޑައިގަތުމަށް ފިނޭންސް މިނިސްޓަރަށް 45 މިނެޓް ދިނުމަށްވެސް ވަނީ ނިންމާފަ އެވެ.
ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާކުރަން އެކުލަވާލި ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްވަނީ އިންތިހާބުކޮށްފައެވެ.