އެމްއެންޑީއެފުން ބުނީ، ބޯޓާއި އޭގައި ތިބި މީހުން އަދި ފެނުނު މަސްތުވާތަކެތި އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި ބޯޓު ހިފަހައްޓާފައި ވަނީ އެމްއެންޑީއެފްގެ އެއާ ކޯގެ ޑްރޯން ބޭނުންކޮށްގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް ފާހަގަކުރެވުމުން، ކޯސްޓްގާޑް ސްޕެޝަލް ބޯޓް ސްކޮޑްރަނުން ވަނީ އެ ބޯޓު އިންޓަސެޕްޓްކޮށް ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
އެމްއެންޑީއެފުން ބުނީ ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. ނަމަވެސް، ފެނުނު ތަކެތީގެ އަދަދާއި ބާވަތް ރާއްޖޭގެ ރަސްމީ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު، ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އެ ބޯޓަކީ 300 ކިލޯގެ ހެރޮއިން އާއި އައިސް (ކްރިސްޓަލް މެތު) ހިފައިގެން ދަތުރުކުރަމުން ދިޔަ ބޯޓެކެވެ.